ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ވ. ފެލިދޫ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވ. ފެލިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ފެލިދެއަތޮޅު ފެލިދޫ ކައުންސިލު އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ފެލިދޫ ކައުންސިލުން ވަނީ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމާއި، ސުކޫލުގެ ޖާގައިގެ ދަތިކަން ހުރުމުން ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ. އަދި ރަށުގައި ބިމުގެ ޖާގައިގެ ދަތިކަންހުރުމާއިއެކު، ވަކި ވަކި ކުޅިވަރު ކޯޓްތަކުގެ ބަދަލުގައި ރަށަށް އެންމެ ރަނގަޅީ ސްޕޯރޓްސް ކޮންޕޮލެކްސްއެއްކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ރަށުގެ ހޮސްޕިޓަލްގެ ފަރާތުން ވަނީ ސީއެމްބިއުލާންސެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.