ޚަބަރު
ފެލިދެއަތޮޅު ފަހު މަންޒިލަކަށް ރަކީދޫ: ރައީސް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ކިޔައިފި!

ރައީސުލްޖުމްހޫރިއްޔާ، ފެލިދެއަތޮޅު ރަކީދުއަށް ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް.

ފަރުދުން
20 ސެޕްޓެމްބަރު 2025، 11:42
20 ސެޕްޓެމްބަރު 2025، 11:42
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ރަކީދުއަށް ވަޑައިގެންފިއެވެ.
ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް ކުރައްވަމުން ގެންދަވާ 8 ދުވަހުގެ ދަތުރުފުޅު ފަށްޓަވާފައިވަނީ ފެލިދެއަތޮޅުންނެވެ. އެގޮތުން، މި ދަތުރުފުޅުގެ ފަސްވަނަ މަންޒިލެއްގެ ގޮތުން ރަކީދުއަށް ވަޑައިގެންނެވުމުން، އެ ރަށު ރައްޔިތުން ވަނީ އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރަކީދުއަކީ ވ. އަތޮޅުގައި އެ މަނިކުފާނު ވަޑައިގަންނަވާ ފަހު މަންޒިލްކަން ފާހަގަކުރަމެވެ.
ރަކީދުއަށް ވަޑައިގެން، އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގެ ތެރެއިން، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާނެއެވެ. އަދި މި ޒިޔާރަތްފުޅުގެ ތެރެއިން، ރަކީދޫގައި ބީ.އެމް.އެލް. އޭ.ޓީ.އެމް.ގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް އެ މަނިކުފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހައި އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރީން ބައިވެރިވެވަޑައިގަންނަވައެވެ.