Ads by Stelco

ޚަބަރު

ރަކީދޫ ރައްޔިތުންގެ 80% ތާއީދާއެކު، އެހެން ރަށަކަށް ބަދަލުކޮށްދޭނަން: ރައީސް

ރަކީދޫ ރައްޔިތުންގެ 80% ތާއީދާއެކު، އެހެން ރަށަކަށް ބަދަލުކޮށްދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ، ރަކީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް.

farudhun logo

ފަރުދުން

20 ސެޕްޓެމްބަރު 2025، 02:43

20 ސެޕްޓެމްބަރު 2025، 02:43

ވ. ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރަން، އެ ރަށުގެ %80 މީހުންގެ ތައީދު ލިބޭ ނަމަ، އެ ކަން އެ ގޮތަށް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރަކީދޫ ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ ޢާންމު އިޖުތިމާޢީ ކުރިއެރުމަށް ރައްޔިތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުޞަރު ވެސް ވަނީ ފަހިކޮށްދެއްވާފައެވެ.

ރަކީދޫގެ ގިނަ ރައްޔިތުން ރައީސަށް ހުށަހަޅުއްވާފައިވަނީ، މާލެ ކައިރިން އަލަށް ތަރައްޤީކުރާ ރަށަކަށް އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރުމަށެވެ. މި ގޮތުން، ރަސްމާލެ، ގުޅިފަޅު ނުވަތަ އެ ނޫން ވެސް، ދިރިއުޅުމުގެ ވަސީލަތްތައް ފުރިހަމަ، މާލެ ކައިރި ތަނަކަށް ހިޖުރަކުރެވޭނެ މަގު ފަހިކޮށްދިނުމަށް ރަކީދޫ ރައްޔިތުން އެދުނެވެ. ރަށުގެ ރައްޔިތުން ފާހަގަކޮށްފައިވަނީ، ވަޤުތުން ވަޤުތަށް ބަދަލުވާން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ ހަމަޖެހިގެން ދިރިއުޅެވޭނެ އިންތިޡާމުތަކާއެކު ބަދަލުވާން ކަމަށެވެ.

ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުން ހުށަހެޅި ޚިޔާލުތަކަށް ރިޢާޔަތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހިޖުރަކުރުމުގައި ރައްޔިތުންގެ ޚިޔާލު ވަރަށް ޞާފުވެގެން ހިނގައްޖެ ކަމަށެވެ. ރަށުން ހިޖުރަކުރުމަށް ރައްޔިތުން ބޭނުންވާ ގޮތް ދެނެގަތުމަށް، ރަސްމީކޮށް މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ޚިޔާލާއެކު ރަށުން ބަދަލުވާން ނިމިއްޖެ ނަމަ، ރައްޔިތުން ބަދަލުކޮށްދެއްވާނީ ވަސީލަތްތަކާއި ޚިދުމަތްތައް ފުރިހަމަ ތަނަކަށް ކަމަށް ވިދާޅުވިއެވެ. އަދި ދިރިއުޅެވޭނެ ގެއާއި، ހިޖުރަކުރުމަށް ސަރުކާރުން ދޭން ޖެހޭ ބަދަލު ވެސް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރަށުގައި އުޅޭ މީހުން އެކަންޏެއް ނޫން. ރަށުން ބޭރުގައި އުޅޭ ރަށުގެ ރައްޔިތުންގެ ޚިޔާލު ވެސް ހޯދާނަން. ބޭނުންވަނީ ހަމައެކަނި މެޖޯރިޓީ %50 އެއް ނޫން. %80ގެ ތާއީދާއެކު މީހުން ބަދަލުކުރުމަށް.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ދެއްވި ޔަޤީންކަމަކީ، ރަށުން މީހުން އެހެން ރަށަކަށް ހިޖުރަކުރި ނަމަވެސް، ރަށުގައި މިހާރު ފަށާފައިވާ ރަށު ފަތުރުވެރިކަމުގެ ވިޔަފާރިތައް ހުއްޓާލަން ނުޖެހޭނެ ކަމުގެ ޔަޤީންކަމެވެ. ރަކީދޫގައި މިވަޤުތު 2 ގެސްޓްހައުސް ހިންގަމުން ދެއެވެ. އަދި އިތުރު މަސައްކަތްތަކަށް ބިންތައް ދަނީ ދޫކުރަމުންނެވެ.

އަޅުގަނޑުމެން ޚިޔާލަށް ބަލާނަން، މި ވިޔަފާރިތައް ދެން ގެންދެވޭނީ ކިހިނެއްތޯ. ހަމަ ގައިމުވެސް ދޭ ޔަޤީންކަމަކީ، މި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް، އަދި ވިޔަފާރިތައް ހުއްޓާލަން ނުޖެހޭނެ ގޮތަކަށް އެކަން ކޯށްދޭނެ ކަމުގެ ޔަޤީންކަން.

ރައީސް ވިދާޅުވިއެވެ.

ރަކީދޫގެ ބައެއް ރައްޔިތުން ވަނީ މާލެ ކައިރި މީހުން ދިރިއުޅޭ ރަށަކަށް، ނުވަތަ ރަށް ކައިރިން ފަޅެއް ހިއްކައިގެން މީހުން އާބާދުކުރުމުގެ ޚިޔާލު ވެސް ހުށަހަޅާފައެވެ. މީގެ އިތުރުން، އެ ރަށުގެ ރައްޔިތުން ރަށަށް މި ވަޤުތަށް މުހިންމު ކަންކަމުގެ ގޮތުގައި ދެން ޚިޔާލު ހުށަހެޅީ ރަށަށް ރަނގަޅު ދަތުރުފަތުރުގެ ނިޡާމެއް ޤާއިމުކޮށްދިނުމަށެވެ. ރައީސް ވަނީ އެ ކަން ސަރުކާރުގެ އާރް.ޓީ.އެލް. ފެރީގެ ނިޡާމުގެ ތެރެއިން، އަންނަ އަހަރުގެ މާރިޗުގެ ކުރިން ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އެހެން ރަށްތަކުގައި ރައްޔިތުންގެ ބައްދަލުވުން ބައްވާ ގޮތާ ތަފާތުކޮށް، ރަކީދޫގައި ރައްޔިތުންގެ ޚީޔާލު ހޯދުމުގެ ބައްދަލުވުމެއް ބޭއްވީ ވެސް ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ، ހިޖުރަކުރުމުގެ ކަންކަމުގައި، ރައްޔިތުންގެ ޚިޔާލު އޮޅުންފިލުއްވުމަށް ކަމަށެވެ. އަދި އެ ކަމުގައި ރައްޔިތުންގެ ވިސްނުން ހުރި ނެތް ގޮތް ވަރަށް ރަނގަޅަށް ފިލައިގެން ހިނގައްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަކީދޫގެ ޖުމުލަ ރައްޔިތުންނަކީ 360އެއްހައި މީހުން ނަމަވެސް، ރަށުގައި ދިރިއުޅޭ އާބާދީއަކީ 60އެއްހައި މީހުންނެވެ. ރަކީދޫގައި ސްކޫލް ޢުމުރުގެ ކުދީން ވެސް ނޫޅެއެވެ. ރަށުގެ ބޮޑު އާބާދީއަކީ ޢުމުރުން ދުވަސްވީ މީހުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން