ޚަބަރު
ތ.ގުރައިދޫ އެއަރޕޯޓު ހެދުމުގެ މަސައްކަތް އެމްއޭސީއެލްއަށް

ތ.ގުރައިދޫ އެއަރޕޯޓު ހެދުމުގެ މަސައްކަތުގައި ސޮއިކުރުން
ކޮޅުމަޑުލު ގުރައިދޫގައި ޤާއިމްކުރާ އެއަރޕޯޓް ހެދުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.
ގުރައިދޫ އެއަރޕޯޓް ހެދުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުއެވެ.
އެއްބަސްވުމުގައި ސޮއިކުރެވުމަށްފަހު ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ޑރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި މި މަޝްރޫއަށް އަލިއަޅުއްވާލައްވާ ވިދާޅުވީ، ގުރައިދޫގައި މިހާރު ކުރިއަށްދާ އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު އެއް މަޝްރޫޢަކީ އެއަރޕޯޓުގެ މަސައްކަތްކަމަށާއި، މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާ ރައްޔިތުންނާއި ހަވާލުކުރާނެކަމަށެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި މިއަދު މި ހަވާލުކުރެވުނު އެއަރޕޯޓުގެ މަޝްރޫޢުގެ މަސައްކަތް މާދަމާ ފަށައިގެން 22 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ނިންމާ ހަވާލުކުރާނަން.
ރައީސް ޑރ މުޙައްމަދު މުޢިއްޒު
މި ރަސްމިއްޔާތުގައި ރައީސް ވަނީ ގުރައިދޫގައި މިހާރު ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ އެހެން މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައްވެސް ހިއްސާކުރައްވައިފައެވެ.