ޚަބަރު
ތ. ގުރައިދޫގައި ގާއިމުކުރި ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރު ހުޅުވައިފި

ތ. ގުރައިދޫގައި ގާއިމުކުރި ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރު ހުޅުވުން
ތ. ގުރައިދޫގައި ގާއިމްކޮށްފައިވާ ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި ސެންޓަރު ހުޅުވައިދެއްވީ ކޮޅުމަޑުލުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރާއްޖޭގައި ސަރުކާރުން ހައިޕަރބެރިކް ސެންޓަރެއް ގާއިމްކުރި ފުރަތަމަ ރަށަކީ ގުރައިދޫއެވެ. މި ސެންޓަރުގައި ހުރި ޗެމްބަރަކީ 100 މީޓަރު އަޑިން ޑީކޯވިނަމަވެސް ފަރުވާ ދެވޭ ފެންވަރުގެ ޗެމްބަރެއްކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ މަސްވެރިންނާއި ޑައިވަރުންގެ އޮތް ދުވަސްވީ ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ފަށާފައެވެ. "މި މަސައްކަތް ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމާނަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، އެކަމަށް ބޭނުންވާ މެޝިންތައް ގަތުމާއި ހޯދުމުގެ މަސައްކަތުގެ އިތުރުން އިންސްޓޯލްކުރުމުގެ މަސައްކަތްވެސް މިހާރުދަނީ އެކި މަރުޙަލާތަކުގައި ކުރިއަށެވެ. މިއީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެއް ވައުދުފުޅު ފުއްދުމަށް ކުރެވޭ މަސައްކަތެކެވެ.
މި ފަދަ ސެންޓަރުތައް ގާއިމްކުރެވުމުން، މަސްވެރިކަމާއި ޑައިވިންގގެ މަސައްކަތުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި އަވަސް ފަރުވާ ލިބުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.