ޚަބަރު
ޗައިނާގެ ޤައުމީ ދުވަސް ހަނދާންކޮށްދޭ އެއް ކަމަކީ އެ ޤައުމުގެ ރައްޔިތުންގެ ހިތްވަރާއި ކެތްތެރިކަން: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސްއާ ބައްދަލުކުރެއްވުން، 31 އޯގަސްޓް 2025 / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މިއަދު ފާހަގަކުރަމުންދާ ޗައިނާގެ ޤައުމީ ދުވަސް ހަނދާންކޮށްދޭ އެއް ކަމަކީ އެ ޤައުމުގެ ރައްޔިތުންގެ ހިތްވަރާއި ކެތްތެރިކަން ކަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ޗައިނާގެ ޤައުމީ ދުވަހާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މި ދުވަސް ހަނދުމަކޮށްދޭ އަނެއް ކަމަކީ، ޗައިނާގެ ހަރުދަނާ ސިޔާސަތުތައް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މަޤްޞަދުތައް ހާސިލްކުރުމުގައި ޗައިނާއިން އެހެން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަދާކުރާ މުހިންމު ދައުރުވެސް ހާމަވާކަމަށް ރައީސް ވިދާޅުވިއެވެ.
Heartfelt greetings and good wishes to His Excellency President Xi Jinping, the government and the friendly people of China on the joyful occasion of the National Day of China.
— Dr Mohamed Muizzu (@MMuizzu) October 1, 2025
This auspicious day commemorating the founding of modern-day China signifies the strength and… pic.twitter.com/dKU5gFBhf0
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަޚްވަންތަ ގުޅުމަކީ ޒަމާންވީ ގުޅުމެއްކަމަށާއި، ކުރިއަށް އޮތްތަނުގައި އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމާމެދު ޔަޤީންކުރައްވާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ޗައިނާގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހެވެ. 1949 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ މި ދުވަހަކީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހާ ގުޅުވައިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެއީ 23 އަހަރަށް ދެމިގެންދިޔަ ޗައިނާގެ ދާޚިލީ ހަނގުރާމައިގައި، އެ ގައުމުގައި ކުރިން ވެރިކަން ކުރަމުން ދިޔަ ޗައިނީސް ނެޝަނަލިސްޓް ޕާޓީގެ މައްޗަށް ޗައިނީސް ކޮމިއުނިސްޓް ޕާޓީން ކާމިޔާބު ހޯދި ދުވަހުގެ ގޮތުގައެވެ.
ޗައިނާގެ 76 ވަނަ ޤައުމީ ދުވަހާއި ގުޅިގެން އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެމެހެއްޓެނިވިކަމާއި، ވިލުންތެރިކަމާއި، ހަމަހަމަކަމާ މެދު ބައިނަލްއަޤުވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާ ވެފައިވަނީ، ދިވެހިރާއްޖެ އާއި މި ނޫންވެސް ކުދި ޖަޒީރާ ޤައުމުތަކާއެކު މަސައްކަތްކުރާ، ސާބިތު ބައިވެރިއަކަށް ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސްއާ ބައްދަލުކުރެއްވުން، 31 އޯގަސްޓް 2025 / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުގައި ޗައިނާއިން މުހިންމު ދައުރެއް އަދާކުރައްވާ ކަމަށެވެ. އަދި ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ދިވެހިރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތުގެ އަގުވަޒަންކުރައްވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ އާއި ޗައިނާއާ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މި އަހަރު އެގުޅުމަށް 53 އަހަރު ފުރޭނެއެވެ.