ޚަބަރު
ދައުލަތުގެ އިދާރާތަކުގެ ކޮރަޕްޝަން ހުއްޓުވުމަށް ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމަށް ނިންމައިފި
ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:އިންޓަރނެޓް
ދައުލަތުގެ އިދާރާތަކުގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެެވެ.
މި އިޞްލާޙުތައް މިފެށޭ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ޤާނޫނުލްޢުޤޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިޞްލާޙުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ކުރީގެ މުވައްޒަފުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްޤު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެއެވެ.
މި އިޞްލާޙު ގެނައުމުގެ މަޤްޞަދަކީ ދައުލަތުގެ އިދާރާތަކުގައި އަށަގެންފައިވާ ކޮރަޕްޝަން ހުއްޓުވުމާއި، ދައުލަތުގެ ފައިސާއާއި މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމެވެ. މީގެ ސަބަބުން، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ ޖަވާބުދާރީވުން އިތުރުވެ، ދައުލަތުގެ ވަސީލަތްތައް ރައްޔިތުންގެ ލާބައާއި މަންފާއަށް ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.
ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިސްލާހުތައް މިފެށޭ ހަފްތާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް…
— Dr Mohamed Muizzu (@MMuizzu) October 31, 2024
މި އިޞްލާޙު ފާސްވުމުން، ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ތަޙްޤީޤުކުރުމާއި ދަޢުވާކުރުމުގައި ހުރި ޤާނޫނީ ހުރަސްތައް ނައްތާލެވި، އަވަސް އަދި ހަރުދަނާ ގޮތެއްގައި މިފަދަ މައްސަލަތައް ބެލުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމަށް ގެނެވޭ މުހިންމު ކުރިއެރުމެކެވެ.