Ads by Stelco

ޚަބަރު

މި މަހު ފެށުނު މަޖިލީހުގެ ދައުރަށް ދެ އިންތިޚާބު އެއްކޮށްލުމުގެ އިސްލާޙު ހުށަހަޅަނީ

މި މަހު ފެށުނު މަޖިލީހުގެ ދައުރަށް ދެ އިންތިޚާބު އެއްކޮށްލުމުގެ އިސްލާޙު ހުށަހަޅަނީ

އިލެކްޝަންސް ކޮމިޝަނެއްގެ އިންތިހާބެްގެ ތެރެއިން---

farudhun logo

ފަރުދުން

08 އޮކްޓޯބަރު 2025، 07:30

08 އޮކްޓޯބަރު 2025، 07:30

މި އޮކްޓޫބަރު މަހު ފެށުނު މަޖިލީހުގެ ދައުރުގައި ހުށަހަޅާ ޤާނޫނީ އިސްލާޙުތަކުގެ ތެރޭގައި ދެ އިންތިޚާބު އެއްކޮށްލުމުގެ އިސްލާޙު ވެސް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މަހިބަދޫގައި ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފަރާތުން 27 ބިލެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި ޤާނޫނު އަސާސީއަށް ގެނެވޭ އިސްލާހެއްވެސް ހިމެނޭ ކަމަށެވެ.

މި މުހިންމު އިސްލާޙުގެ ތަފްސީލް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމަށް ހުށަހެޅޭ އިޞްލާޙުކަމުގައެވެ. އަދި މިއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޤާނޫނު އަސާސީއަށް އަޅުގަނޑުމެން ގެންނަ މައިގަނޑު އެއް އިސްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމުގެ އިސްލާޙް. އެއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭކަމެއް ވީމަ، ޤާނޫނޫ އަސާސީއަށް ގެނަނަ އިސްލާޙް ހިމެނޭގޮތަށް 27 ބިލެއް ހުށަހަޅަން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިވަކިން ބޭއްވުމުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ޚަރަދުތައް އެތައް ގުނައެއް ބޮޑުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ދެ އިންތިޚާބު އެކުގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތްކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުން، ސަރުކާރުން މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވާ އިސްލާޙުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ ވަބާ އިތުރުވެފައިވާތީ، އެކަން ނައްތާލުމަށް 6 ބިލެއް ހުށަހެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ބިލުތަކަކީ ކޮރަޕްޝަން ނައްތާލުމަށް ޤާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށް ގެނެވޭ އިސްލާޙުތަކެއް ކަމަށާއި، އަދި މިކަން ހާސިލްވެގެން ދާނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮރަޕްޝަންގެ މައްސަލަ ހައްލުކުރުމަށް މިހާރު ހުރި ޤާނޫނުގެ ތެރެއިން ހުރިހުރަސްތައް ނައްތާލާ މިކަން ހަޤީގީ މާނައިގައި ރާއްޖޭގެ ނިޒާމްގެ ތެރެއިން އިރިޑިކޭޓް ކުރުމަށްޓަކައި ކުރެއްވެން ހުރި މަސައްކަތްތަކަށް އިސްލާޙްތައް މި ގެންނަނީ. ޤާނޫނު އިސްލާހްވެގެން އެކަނި ވާ ކަމެއް ނޫން މިއީ. ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބެންޖެހޭ ކަންކަން މިއީ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން