ޚަބަރު
އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތް ބަދަލުކުރަން ވޯޓު ނެގުމަށް ހުށަހަޅުއްވައިފައިވާ ސުވާލުތައް އިޞްލާޙުކުރައްވައިފި

އައްޑޫ ސިޓީ--
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި، މީދޫއާއި، އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށައަޅުއްވާފައިވާ ސުވާލުތައް އެމަނިކުފާނުގެ ޤަރާރަކުން މިއަދު އިޞްލާޙުކުރައްވައިފި އެވެ.
އެމަނިކުފާނު މިކަން އިޞްލާޙުކުރައްވާފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުންނެވެ. އެގޮތުން ރައީސް ވަނީ، އައްޑުއަތޮޅު ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމުހޫރިއްޔާގެ ޤަރާރު އިޞްލާޙުކުރައްވާފައެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި މި 3 ރަށުގެ ރައްޔިތުންގެ މެދުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން އެ ރަށްރަށުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް އެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅައިފައިވާތީ، އެކަމުގައި ރައްޔިތުންގެ ޚިޔާލުހުރި ގޮތެއް ހޯދުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރަށް ފެންނާތީއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ދަށުން 3 ރަށުގެ ރައްޔިތުންގެ މެދުގައި ވޯޓު ނެގުމަށް ސުވާލުތައް އިޞްލާޙުކުރުމަށް ފަހު ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، ހުޅުދޫ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ އެ ރަށަށް ޚާއްސަކުރެވިގެން ކައުންސިލް އުފައްދަން ފެނޭތޯއެވެ. ހަމަ އެހެންމެ، މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ހުށަހެޅުއްވާފައިވަނީ މީދޫއަށް ޚާއްޞަކުރެވިގެން، ކައުންސިލް އުފައްދަން ފެނޭތޯއެވެ. އަދި ފޭދޫގެ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ ފޭދޫއަށް ޚާއްޞަކުރެވިގެން، ކައުންސިލް އުފައްދަން ފެނޭތޯއެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތާ ގުޅޭ ގޮތުން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00 އަށެވެ. އަދި އިންތިޚާބުގެ ނަތީޖާ އާންމުކުރަން ނިންމާފައި ވަނީ 26ވަނަ ދުވަހެވެ. މި ވޯޓުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ. މީގެ ތެރޭގައި، މާލެ ސަރަޙައްދުގައި ބަހައްޓާ 7 ފޮއްޓެއް ހިމެނެއެވެ.