ޚަބަރު
މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު!

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނީ/ފޮޓޯ: އަވަސް އެމްވީ
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށާއި، ހުދު ސަމާލު ނެރިފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ، މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 15:00 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް މިހާރު މިކުރާ ވިއްސާރަ އަންނަ ހަފްތާއިން ފެށިގެން އަލިކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.