ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ނޫމަރާ ކައުންސިލްގެ އައު އިމާރާތް ހުޅުއްވައިދެއްވައިފި

ކައުންސިލް އިމާރާތް ހުޅުވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުއްވައިދެއްވައިފި އެވެ.
އެރަށުގެ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުއްވާދެއްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ނޫމަރާގެ ކައުންސިލް އިދާރާގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވީ އެކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ދާއިރާގެ މަޖިލިސް މެންބަރާއި، ނޫމަރާ ކައުންސިލްގެ ރައީސްއާއި މެންބަރުންގެ އިތުރުން، ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެރަށުގައި ތަރައްޤީކޮށްފައިވާ، ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތް ބައްލަވާލައްވާފައެވެ. މި އިމާރާތަކީ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އިދާރީ މުވައްޒަފުންނަށް ވެސް މަސައްކަތްކުރަން އެކަށީގެންވާ، ޖާގަ ތަނަވަސް އިމާރާތެއްކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން، މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނެއެވެ. އަދި ކައުންސިލް ރައީސް، ކައުންސިލް ނައިބު ރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ވަކިވަކި ކެބިން ޚާއްޞަ ކުރެވިފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޚާއްޞަ މާލަމެއް ވެސް މި އައު އިމާރާތުގައި ހިމެނެއެވެ. މިއީ ސަރުކާރުން 3.9 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
ކައުސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމޭއިރު، ކައުންސިލްގެ ޖާގައިގެ މައްސަލައަށް އެކަށޭނެ ޙައްލެއް ގެނެސްދިނުމެވެ.