ޚަބަރު
ރައީސް، ކަނޑިތީމު ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ބަނދަރު ހެދުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. ހަމަ އެހެންމެ، ރަށުގައި މިހާރު ޢަމަލީ މަސައްކަތް ފެށިފައިވާ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ކައުންސިލުން ރައީސްގެ އަރިހުން އެދިލެއްވިއެވެ.
މީގެ އިތުރުން، ރަށުގެ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓިފައިވާތީ އެ މަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެވެ. ހަމަ އެހެންމެ، ކައުންސިލް މެމްބަރުންނާއި އެ ރަށުގެ ޞިއްހީ މަރުކަޒުގެ ފަރާތުން ވަނީ، ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދެމުންދާ ތަނެއްކަން ފާހަގަކުރައްވާ، ރަށުގެ ޞިއްޙީ މަރުކަޒަށް ލެބް ޓެކްނީޝަނެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ކަނޑިތީމު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.