Ads by Stelco

ޚަބަރު

ކަނޑިތީމު ޞިއްޙީ މަރުކަޒު ތަރައްޤީކުރާނީ 20 އެނދުގެ ޖާގައިގެ އިމާރާތެއްގެ ގޮތުގައި: ރައީސް

ކަނޑިތީމު ޞިއްޙީ މަރުކަޒު ތަރައްޤީކުރާނީ 20 އެނދުގެ ޖާގައިގެ އިމާރާތެއްގެ ގޮތުގައި: ރައީސް

ރައީސް، ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 އޮކްޓޯބަރު 2025، 04:33

13 އޮކްޓޯބަރު 2025، 04:33

ށ. ކަނޑިތީމު ޞިއްޙީ މަރުކަޒު ތަރައްޤީކުރާނީ 20 އެނދުގެ ޖާގައިގެ އިމާރާތެއްގެ ގޮތުގައި، މިހާރަށް ވުރެ ފުޅާ ސްކޯޕެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކަނޑިތީމު ޞިއްޙީ މަރުކަޒުގެ މަސައްކަތް މިހާރު ކުރިއަށްގެންދެވުމަށް ނިންމަވާފައިވަނީ އެހެން ފަރާތަކާ ހަވާލުކުރައްވައިގެން، ދެ ފަންގިފިލާގެ، 20 އެނދުގެ ޖާގައިގެ އިމާރާތެއްގެ ގޮތުގައި، މިހާރަށް ވުރެ ފުޅާ ސްކޯޕެއްގައި ކަމަށެވެ. ރައީސްގެ މި ނިންމެވުމާއެކު، ސަރަޙައްދީ ވިސްނުންފުޅެއްގައި ކަނޑިތީމުގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރެއްވުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ޙަޤީޤަތަކަށް ހެއްދެވުމަށް، އިތުރު ބާރަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން، ރިޔާސީ އިންތިޚާބުގައި ކަނޑިތީމު ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެ މަތީން، މި ދަތުރުފުޅުގައި ހިމެނިގެން ކަނޑިތީމުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ކަނޑިތީމު ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. ހަމަ މިއާއެކު، މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ކަނޑިތީމު ބްރާންޗުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހާ ހަމައަށް ނިމޭނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސް ވަނީ، ކަނޑިތީމާއި އަދި އެހެން ރަށްރަށުގައި ވެސް ހިއްކާފައިވާ ސަރަޙައްދުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެއްވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ތަރުތީބުކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރަށުގެ ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށްގެންދަވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން