ޚަބަރު
ރައީސްގެ މިލަދުންމަޑުލު އުތުރުބުރީގެ ދަތުރުފުޅުގެ ތެރެއިން ގޮއިދޫއަށް ވަޑައިގެންފި

ރައީސް ގޮއިދޫއަށް ވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫއަށް ވަޑައިގެންފިއެވެ.
މިއީ އެމަނިކުފާނުގެ މިލަދުންމަޑުލު އުތުރުބުރީ ދަތުރުފުޅުގެ 3 ވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާ ގޮއިދޫއަށް ވަޑައިގެންނެވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރީންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބަނދަރު ސަރަޙައްދަށް އެއްވެ، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ގޮއިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ މިއާއެކު، އެރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވާ، ފުލުހުންގެ މަރުކަޒާއި، ކުނި މެނޭޖުކުރާ މަރުކަޒާއި، ފިޓްނަސް ސެންޓަރުގެ ބިންގާއަޅުއްވާނެއެވެ.
މީގެ އިތުރުން ވެސް، އެރަށުގެ ތަރައްޤީއަށް ބޭނުންވާ އެހެނިހެން މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރައްވާ، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ގޮއިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށް، އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށްދާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ 14 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށެވެ. މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހައި އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ފަދަ ދަތުރުފުޅުތަކުގެ ބޭނުމަކީ، ރަށްރަށުގައި ހުރި ޢުމްރާނީ، އިޖުތިމާޢީ، އަދި އެ ނޫން ވެސް މައްސަލަތައް ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތައް ގާތުން އަޑު އައްސަވައި، އެ ކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތްކުރެއްވުމެވެ.