ޚަބަރު
ށ. ގޮއިދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ގޮއިދޫ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އިފްތިތާޙުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ށ. ގޮއިދޫގައި ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ރަސްމީކޮށް އިފްތިތާޙުކުރައްވައިފިއެވެ.
މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ށ. ގޮއިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނާއެކު މިކަމުގައި ބައިވެރިވެވަޑައިގެންނެވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް ޙަސަން ރަޝީދު، އަދި އެމް.ޑަބްލިޔު.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދެވެ.
ގޮއިދޫގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުގެ ސަބަބުން، ހަށިގަނޑަށް އެތެރެކުރުމަށް އެކަށޭނަ ބޯފެނާއި، ޒަމާނީ ފެންވަރުގެ ނަރުދަމާގެ ޚިދުމަތް އެރަށުގެ ރައްޔިތުންނަށް ލިބޭނެއެވެ. ހަމަ އެހެންމެ، ވާރޭފެން ރައްކާކުރާ ތާންގިތަކާއި، ރިވަރސް އޮސްމޯސިސް (އާރް.އޯ.) ޕްލާންޓްތަކާއި، ސޯލަރ ހަކަތަ ބޭނުންކުރާ އިދާރީ ޢިމާރާތަކާއި، ލެބޯރޓަރީއަކާއި، ސިވެރެޖް ޕަމްޕް ސްޓޭޝަން ތަކާއި، ގޭގޭގައި ހަރުކުރެވިފައިވާ ފެން މީޓަރުތަކާއި، ފެނާއި ނަރުދަމާގެ ހޮޅިތަކުގެ ނިޒާމާއި، ނަރުދަމާ ހޮޅިތަށް ކަނޑަށް ބޭރުކުރުމެ ނިޒާމު ވެސް މިމަޝްރޫޢުގެ ތެރޭގައި ހިމެނިގެންވެއެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.