ޚަބަރު
ތަރައްޤީގެ ހުރިހާ މަސައްކަތްތަކެއް ފުރިހަމައަށް ކޮށްދެވޭނެ ކަމުގެ ޔަޤީންކަން ސަރުކާރަށް އެބައޮތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ފުރިހަމައަށް ކޮށްދެވޭނެ ކަމުގެ ޔަޤީންކަން ސަރުކާރަށް އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ބިލެތްފައްސަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، އަދުގެ ސަރުކާރުން ގެންދަވަނީ އިނދަޖެހިފައި އޮތް އިޤުތިޞާދުގެ ޚާލަތު ރަނގަޅުކުރަމުން ކަމަށާއި، އަދި ސަރުކާރުން ދައްކަންޖެހިފައި އޮތް ބޮޑެތި ދަރަނިތައް ދައްކަވަމުން ކަމަށެވެ. އެގޮތުން އެތެރެ އާއި ބޭރުގެ ދަރަނި ޚަލާސްކުރައްވަމުންގެންދަވާއިރު، މި މަސައްކަތް ލުއިކުރެއްވުމަށް ބޭރުގެ ބައެއް އެކުވެރި ޤައުމުތަކާ ވާހަކަދައްކަވައިގެން ބައެއް ދަރަނިތަކަށް ލުއި ގޮތްތައް ހޯއްދަވަމުން ގެންދަވާކަމަށް ވެސް ވިދާޅުވިއެވެ.
އަދި އިޤުތިޞާދީ ކަންކަން ރޭވުންތެރިކަމާއެކު ކުރިޔަށްގެންދަވާއިރު، 2026 ވަނަ އަހަރަށް ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ޚަލާސްކުރެއްވުމުގައިވެސް ކަންބޮޑުވުމެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންނަށް ފުރިހަމަ ތަރައްޤީ ހާސިލްކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ހާސިލްކުރެވިގެންދާ ބޮޑު ކާމިޔާބީއެއް ކަމުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
ދަރަނި އަދާކޮށް، ތަރައްޤީގެ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިޔަށްގެންދަވާއިރު، ރާއްޖޭގެ މާލީ ރިޒާވްގެ ޓްރެޖެކްޓަރީވެސް ހުރީ ރަނގަޅު މިޞްރާބަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ސަރުކާރުން ކުރުވި މަސައްކަތްތަކަށް ދައްކަންޖެހޭ ފައިސާ ޚަލާސްކުރެއްވުމަށް ކަނޑައެޅުއްވި މުއްދަތުގެ ތެރޭގައި އެކަންވެސް ފުރިހަމަ ކުރައްވާނެކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. އެގޮތުން ކުރިޔަށް އޮތް ތިން ހަފްތާ ތެރޭގައި އެ ފައިސާ ދައްކާ ނިންމަވާނެކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެ އިތުރުން ހަޤީޤީ މާނައިގައި ރައްޔިތުން ބާރުވެރިކުރުވުމަކީ، އެ ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ އަޑު އައްސަވައިގެން މަސައްކަތްކުރެއްވުން ކަމަށާއި، އެ މަސައްކަތްޕުޅުތަކުގެ ނަތީޖާ މިހާރު ފެނިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.