ޚަބަރު
އުތުރުގެ ވިއްސަކަށް ރަށުގައި ހުއްޓިފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫޢުތައް އަލުން ފެށުމުގެ އިންތިޒާމުތައް ދަނީ ކުރަމުން

ރައީސް ޑރ މުޙައްމަދު މުޢިއްޒު
އުތުރުގެ ވިއްސަކަށް ރަށުގައި ހުއްޓިފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫޢުތައް އަލުން ފެށުމުގެ އިންތިޒާމުތައް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ މިލަދުންމަޑުލު އުތުރުބުރީ ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބޭރުގެ ފަންޑެއްގެ ދަށުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި މަޝްރޫޢުތައް އަލުން ފެށުމަށް ކަމާބެހޭ ވުޒާރާއިން ކުރި ގިނަ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރު މި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ އައު ގޮތްތަކެއް ކަނޑައަޅައި، އެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ފީވަކުގައި ކުރިއަށްދާ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވެސް ރައީސް ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން، އެމްޓީސީސީގެ ފަރާތުން އެ ރަށުގައި ކުރިއަށްދާ ސްކޫލް މަޝްރޫޢާއި މޫދަށް އެރޭ ސަރަހައްދުގެ މަޝްރޫޢުގެ އިތުރުން، ގޯތި ދޫކޮށްފައިވާ ޗަސްބިމަށް ފަސްއަޅައި ބޭނުންކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
ރައީސް މުޢިއްޒު ވަނީ ފީވަކުގައި މިއަދު ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ފައްޓަވާފައެވެ. މީގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ސްކޫލްގެ އައު އިމާރާތާއި، ފުލުހުންގެ މަރުކަޒު ހިމެނެއެވެ. އަދި ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް އިތުރުކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޞިއްޙީ މަރުކަޒުގެ އިމާރާތުގެ މަސައްކަތާ ގުޅޭގޮތުން ރައީސް ވަނީ ޚާއްޞަ އިންޒާރެއް ދެއްވާފައެވެ. އެގޮތުން، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މަސައްކަތް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުދާނަމަ، މިހާރު މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެހެން ފަރާތަކާ ހަވާލުކޮށްގެން ނަމަވެސް އެ މަސައްކަތް ނިންމަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.