ވިޔަފާރި / ޚަބަރު
ސަރުކާރުން ބޭނުންވަނީ އެކި ދާއިރާތަކުން ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވަން: ރައީސުލްޖުމްހޫރިއްޔާ

ށ. ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ސަރުކާރުން ބޭނުންވަނީ އެކި ދާއިރާތަކުން ރާއްޖޭގެ އުފެއްދުންތެރިކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރިއަރައިގެން ދިއުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އެ މަނިކުފާނު މިހާރު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
އެ މަނިކުފާނު ވިދާޅުވީ، މިއަންނަ އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ އަހަރެއް ކަމަށެވެ.
އަޅުގަނޑުމެން ބޭނުންވަނީ އެކި ދާއިރާތަކުން އުފެއްދުންތެރިކަން ރާއްޖޭގައި ބޮޑު "ބޫމް"އެއް އައިސް ކުރިއަރައިގެން ދާނެ ފުރުސަތު ދޭން. އެއީ ހަމައެކަނި ޓްރެޑިޝަނަލް އިންޑަސްޓްރީތަކުން އެކަންޏެއް ނޫން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަންނަ އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ފާހަގަކުރާއިރު، ސަރުކާރުގެ އަމާޒަކީ ޘަޤާފީ ދާއިރާތައް ކަމުގައިވާ ޓުއަރިޒަމާއި މަސްވެރިކަމުގެ އިތުރުން، އާ އީޖާދުތަކާއެކު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުން ކަމުގައެވެ.
މި ކަންކަމަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް މުހިންމު ކަންކަންކަމުގައި ވީހިނދު، މިއީ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ފުޅާ ދާއިރާއެއްގައި ކުރިޔަށްގެންދާ ދުވަސްވަރަކަށްވިޔަސް، ދެކަން އެކުއެކީގައި ކުރިޔަށްގެންދިއުމަކީ ދިވެހީންނަށް އެންމެ ފައިދާހުރި ގޮތްކަމަށް އެ މަނިކުފާނު ފާހަގަކުރެއްވެވިއެވެ.
އެގޮތުން މި މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި މިކަމުގެ ނަތީޖާ ރައްޔިތުންނަށް އިޙްސާސް ވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއިރު، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިގެން ގޮސްފައިވާކަމަށް، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ މިރޭހާމަކޮށްފައެވެ. މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ތަރައްޤީ ގެނައުމަށް ފަހިވެގެން ދިޔަ މުހިންމު ފުރުސަތެއްކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
އަދި ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ޒަރިއްޔާއިން އިޤުތިޞާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައިސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައި ވީހިނދު، މި ޚިދުމަތާއިއެކު އެ ވަޢުދު ފުދިގެންދާނެކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
މި ޚިދުމަތާއެކު ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓުގެ ޚިދުމަތް ހަރުދަނާކޮށް، ދުނިޔޭގައި ފައިސާގެ މުޢާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިދުމަތްތައް ދިވެހިރާއްޖެއިން ލިބޭނެ މަގުފައިވެގެންދާނެއެވެ.