ޚަބަރު
ކުރީގެ ސަރުކާރުތަކުގައި ވެރިކަމުގެ ކުރީކޮޅު ކަންކަން ނުވެ އޮތްއޮތުން މިއަދު ބަދަލުވެއްޖެ: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ، ށ. ބިލެތްފަހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކުރީގެ ސަރުކާރުތަކުގައި ވެރިކަމުގެ ކުރީކޮޅު ކަންކަން ނުކުރެވުމަކީ އެކަން ހިނގާނެ ގޮތްކަމަށް ރައްޔިތުން ހީކޮށްގެން ތިއްބައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ގެންދަވަނީ، އެއީ ކުންހީއެއް ކަމުގައި ހައްދަވަމުންކަމަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އޮނަރަބަލް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު މިލަދުންމަޑުލު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ބައިވެރިއެއްގެ ގޮތުން ށ. ފޯކައިދޫގައި ހުންނަވައި "ފަރުދުން"އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، އަދުގެ ރައީސް ވެރިކަމުގެ ކުރީކޮޅު ރައްޔިތުންނާ ކައިރިއަށް އެ ވަޑައިގަންނަވަނީ ބައެއް ކަންކަން ނިންމަވައި އަދި ބައެއްކަންކަން ކުރައްވަމުން ގެންދަވަމުން ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ތަނުގައި ރައްޔިތުން "ބެންޗުމާރކް" ޖަހާނީ، ރައީސް މުޢިއްޒުގެ ސަރުކާރުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަކިން ޚާއްޞަކޮށް ވެރިކަމުގެ ކުރީކޮޅު ކަންކަން ނުވެ އޮތްއޮތުން ރައްޔިތުންނަށް ހީވެފައި މިއޮންނަނީ، މީއޭ ވެރިކަމެއްގައި ކަންތައްތައް ވާނެ ގޮތަކީ. (ނަމަވެސް) ރައީސުލްޖުމްހޫރިއްޔާ މިއަދު ރަށްރަށަށް އެ ވަޑައިގަންނަވަނީ ކަންކަން ކުރައްވާފައި، ކަންކަން ކުރައްވަމުން. މިއީ ޙަޤީޤަތުގައި ތަފާތަކީ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އޮނަރަބަލް އަޙުމަދު ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވަނީ އެ މަނިކުފާނު ވެރިކަމުގައި ވެވަޑައިގެންފައި ހުރި ހުރިހާ ވަޢުދެއް ރަނުންރަނަށް ފުއްދަވަން ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިރާއްޖޭގެ މާލީ ޙާލަތު އޮތްގޮތްކަމަށް ވަޒީރު ފާހަގަކުރެއްވެވިއެވެ. އަދި ކުރީ ސަރުކާރުތަކުން ދަރަނި އުފެއްދިއިރު، އަތްލެވޭ ތަރައްޤީ ގެނަސްފައި އޮތް މިންވަރު ނިސްބަތުން ވަރަށް މަދުކަމަށާއި، ކަންކަން ކޮށްފައި ހުރީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަން ވެސް ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން އޭރު ދެއްކިން ރައްޔިތުންގެ މަޖިލީހުގައި ތިބެގެން، ދިވެހިރާއްޖެ ރައްޔިތުންނާ އެކީގައި ރާއްޖެ މި ވައްޓާލަނީ މާލީ އަނދަވަޅަކަށްކަން. ދަރަނި އިންތިހާއަށް އުފެއްދި. ދަރަނި އުފެއްދިއިރުގައި ރައްޔިތުންނަށް އަތްލެވޭ، ފެންނަ ތަރައްޤީގެ މަޝްރޫޢުތައް މަދު.
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހި ރައްޔިތުން ރައީސް މުޢިއްޒު އިންތިޚާބު ކުރެއްވި އެއް ސަބަބަކީ ރައްޔިތުންނަށް ޚިޔާނާތްތެރިވި ފާރާތްތައް ހޯދާ، ގެއްލިފައިވާ ފައިސާ ހޯދުމަށް ކަމަށެވެ. އެހެންކަމުން އެ މަސައްކްކުރިޔަށްދާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ތަރައްޤީގެ ކަންކަން ވެސް އެ ދަނީ ބާރު ދުވެލީގައި ހިނގަމުން ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވެވިއެވެ. އެގޮތުން މި އަހަރު ނިމޭއިރު 2،000އަށް ވުރެ ގިނަ މަޝްރޫޢު ހިނގަމުންދާނެކަމުގައި ވިދާޅުވިއެވެ.
Raeesuljumhooriyya mihaaru rahrashah e'vadaigannavany kankan kuravvaafa, kankan kuravvamun. Mee thafaathaky - Minister Shiyam pic.twitter.com/FBNQXK3UQv
— Farudhun (@farudhun) October 14, 2025
ވަޒީރު އިތުރަށް ވިދާޅުވީ، ވެރިކަމުގެ ކުރީކޮޅު ރައީސް މުޢިއްޒު ރަށްރަށަށް ވަޑައިގެންނެވީ ރައްޔިތުން ބޭނުން ވަނީ ކޮންކަހަލަ ކަންތައްތަކެއްތޯ ބެއްލެވުމަށް ކަމަށެވެ. އަދި ދެވަނަ ފަހަރަށް ރައްޔިތުންގެ ގާތަށް ވަޑައިގެން އެ މަނިކުފާނު އެ ބައްލަވަނީ، ކަންތައްތައް ތަންފީޒުކުރައްވާއިރު، އެކަންކަމާ ގުޅޭ އިތުރު ވިސްނުމެއް ނުވަތަ އިތުރު ޚިޔާލެއް އެ އޮތްތޯ ކަމަށެވެ.