ޚަބަރު
ރައީސް މުޢިއްޒު ނަރުދޫއަށް، ތަރައްޤީގެ ދެ މަޝްރޫޢެއް ފަށައި، ދެމަޝްރޫޢެއްގައި ސޮއިކޮށްފި

ރައީސް ޑރ މުއިއްޒަށް ނަރުދޫ ރައްޔިތުން މަރުޙަބާ ދަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ނަރުދޫއަށް ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒު ނަރުދުއަށް ވަޑައިގެން އެރަށުގައި ހިންގާ ތަރައްޤީގެ ދެ މަޝްރޫޢެއްގެ މަސައްކަތް ފައްޓަވައި، އިތުރު ދެ މަޝްރޫޢެއްގައި ސޮއިކުރައްވައިފައިވެއެވެ.
ރައީސް މުޢިއްޒު ނަރުދޫއަށް ވަޑައިގަތުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިދަތުރުފުޅުގައި ފެށި މަޝްރޫޢުތަކުގެ ތެރޭގައި ކުނި މެނޭޖުކުރާ މަރުކަޒާއި ފުލުހުންގެ މަރުކަޒު ހިމެނެއެވެ.
ނަރުދޫގައި ޤާއިމްކުރާ ކުނި މެނޭޖްކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ. މި މަރުކަޒު ނިމުމުން ރަށުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
ނަރުދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.
މީގެއިތުރުން، ނަރުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އާރު.ޑީ.ސީ އާ ހަވާލުކޮށް، ނަރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި މިލަދުންމަޑުލު އުތުރުބުރީގެ 14 ރަށަކަށް ވަޑައިގަންނަވާނެއެވެ.