ޚަބަރު
މިލަންދޫގައި ބިނާކުރާ 30 އެނދުގެ ހަސްފަތާލުގެ ބިންގައު އަޅައިފި

މިލަންދޫގައި ބިނާކުރާ 30 އެނދުގެ ހަސްފަތާލުގެ ބިންގައު އެޅުން. / ތަޞްވީރު: ރައީސް އޮފީސް

ފަރުދުން
15 އޮކްޓޯބަރު 2025، 05:02
15 އޮކްޓޯބަރު 2025، 05:02
ށ. މިލަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ހަސްފަތާލުގެ ބިންގައު އަޅައި، ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިލަންދޫ ހަސްފަތާލުގެ ޢަމަލީ މަސައްކަތް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިލަންދުއަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިލަންދޫ ހަސްފަތާލުގެ ބިންގައު އަޅުއްވައިދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި މަޝްރޫޢަކީ 110.87 މިލިޔަން ރުފިޔާއަށް 600 ދުވަސް ތެރޭގައި ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
2,078 މީހުންގެ އާބާދީއެއް އޮންނަ މިލަންދޫގައި، އެ ރަށު މީހުންގެ އެންމެ ބޮޑު އެއް އެދުމަކީ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދިއުމެވެ. އެ ގޮތުން، މިލަންދޫ ހަސްފަތާލުގެ މަސައްކަތް ނިމުމާ އެކު، ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ހޯދޭ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފުޅައުވެގެން ދާނެއެވެ. މި ކަމުގެ ސަބަބުން ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ، އިޖުތިމާޢީ ގޮތުން ރަށަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނޭ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން، 38,087 އަކަފޫޓުގެ ސަރަޙައްދެއްގައި 30 އެނދު ހިމެނޭ 2 ފަންގިފިލާގެ ޢިމާރާތެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، 2,563 އަކަފޫޓުގެ ސަރަޙައްދެއްގައި 1 ފަންގިފިލާއަށް، އެހެނިހެން ޚިދުމަތްތައް ދިނުމަށް ޚާއްޞަ ޢިމާރާތެއް ބިނާކުރެވޭނެއެވެ. އަދި 3,573 އަކަފޫޓުގެ ސަރަޙައްދެއްގައި މުވައްޡަފުން ތިބުމަށް ޚާއްޞަކޮށް، 2 ފަންގިފިލާގެ ޢިމާރާތެއް ވެސް ބިނާކުރެވޭނެއެވެ.
President Dr @MMuizzu attends the groundbreaking for the hospital development project in Sh. Milandhoo, a project aimed at expanding and enhancing healthcare services by increasing capacity and upgrading facilities for improved patient care. #RayyithunGaathah… pic.twitter.com/hFtsDJxr6q
— The President's Office (@presidencymv) October 15, 2025