ޚަބަރު
މަރޮށީގެ ސިއްޙީ ޚިދުމަތް ރަގަޅުކުރުމަށް ކުރަންޖެހޭ ކަންކަން އަންނަ އަހަރު ހަމަޖައްސައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ށ. މަރޮށީ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ށ. މަރޮށީގެ ސިއްޙީ ޚިދުމަތް ރަގަޅުކުރުމަށް ކުރަންޖެހޭ ކަންކަން އަންނަ އަހަރު ހަމަޖައްސައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަރޮށީއަށް ވަޑައިގެން ރައްޔިތުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވިދާޅުވީ، ޞިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށް ސައުވީސް ގަޑިއިރު ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި އަންނަ އަހަރު ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.
އެގޮތުން އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އިތުރުން، އެ ރަށު ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް ބޭނުންވާ އަދަދަށް މުވައްޒަފުން ނެގުމުގެ ކަންކަން ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި މުވައްޒަފުން ލިބި ހަމަވުމުން، 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.
އެ ރަށާ ގުޅުންހުރި އެހެން މަޝްރޫޢުތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިއަދު ފެށިގެން ދިޔަ ބިން ހިއްކުމުގެ މަޝްރޫޢަކީ ރަށަށް ވަރަށް ބޭނުންތެރި މަޝްރޫޢެއް ކަމަށާއި، އެ މަޝްރޫޢު ނިމުމުން ރަށަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ ކަމުގައެވެ.
އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ސްކޫލްތައް އޭ.ސީ. ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ހުރިހާ ރަށެއްގެ ކްލާސްރޫމްތަކާއި ސްޓާފްރޫމްތައް އޭސީކުރާނެ ކަމަށާއި، ނަމަވެސް އެ ތަންތަނުގެ އިތުރަށް މަރޮށީ ސްކޫލްގެ ހޯލުވެސް އޭ.ސީ. ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަންނަ އަހަރަށް ބަޖެޓުކޮށްގެން އިތުރު މަލްޓިޕަރޕަސް ހޯލެއް އެ ރަށުގައި އިމާރާތްކޮށްދެއްވާނެކަމުގައި ވެސް ވިދާޅުވިއެވެ.
މީގެއިތުރުން އެ ރަށުގައި ކުރިޔަށްދާ މަގު ހެދުމުގެ މަޝްރޫޢުގެ ސްކޯޕް ބަދަލުކުރުމުގެ ޤަވާޢިދުގައި އޮންނަ އެންމެ ބޮޑަކަށް، އިތުރު ގޯޅިތަކާއި މަގުތައް ހިމަނައިދެއްވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުން ރަށްރަށުގައި ފައްޓަވާ މަޝްރޫޢުތައް ނިންމަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަންދެއްވާފައެވެ.