Ads by Stelco

ޚަބަރު

މިއަންނަ އަހަރުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާއަށް 1 ބިލިއަން ރުފިޔާ ޚާއްޞަކުރަނީ

މިއަންނަ އަހަރުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާއަށް 1 ބިލިއަން ރުފިޔާ ޚާއްޞަކުރަނީ

ރައީސުލްޖުމްހޫރިއްޔާ ފުނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 އޮކްޓޯބަރު 2025، 06:45

16 އޮކްޓޯބަރު 2025، 06:45

މިއަންނަ އަހަރުގެ ބަޖެޓުން ތަޢުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާއަށް 1 ބިލިއަން ރުފިޔާ ޚާއްޞަ ކުރައްވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅުގެ ވެރިކަންކުރާ ފުނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންނަ އަހަރު ދައުލަތުގެ ބަޖެޓު ވެގެންދާނީ، ތަޢުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާއަށް މީގެ ކުރިން ނުދޭވަރަށް އިސްކަންދީފައިވާ ބަޖެޓަކަށްކަމުގައެވެ. އެގޮތުން، ތަޢުލީމީ ދާއިރާއަށް 500 މިލިއަން އަދި ސިއްޙީ ދާއިރާއަށް 500 މިލިއަން ހަމަޖައްސަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ފާހަގަކުރެއްވެވި ގޮތުގައި، ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރައްވަމުންގެންދަވަނީ ވަކިތަރުތީބަކުން ކަމަށާއި، މި ދެ ދާއިރާގެ ތަރައްޤީ ކަށަވަރުކުރެއްވުމަށްޓަކައި ބަޖެޓުގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރައްވާނެކަމަށެވެ.

އެގޮތުން ތަޢުލީމީ ދާޢިރާއަށް ބަލާއިރު، އިންކްލޫސިވް އެޑިއުކޭޝަން އާއި މަތީ ތަޢުލީމު ފުޅާކުރެއްވުމަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. 

އިންކްލޫސިވް އެޑިއުކޭޝަން ކުރިއެރުވުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ބޭނުންވާ އިންކްލޫސިވް ކްލާސްރޫމްތައް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ސްޕެޝަލް އެޑިއުކޭޝަން ދާއިރާއިން އިތުރު މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްގެންދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދަރިވަރުން ބޭނުންވާ ދާއިރާއަކުން މަތީ ސާނަވީ ފެންވަރަށް ކިޔެވޭނޭ ފުރުޞަތު ފަހިކޮށްދެއްވައި، އަންނަ އަހަރު ވޮކޭޝަނަލް ހައި ސްކޫލެއްވެސް ޤާއިމުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްޙީ ދާއިރާ ކުރިއަރުވައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭޖެހުން މަދުކުރުމަށް ސަރަޙައްދީ ހޮސްޕިޓަލުތަކާއި، ވަކި ވަކި ރަށްތަކެއްގައި ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް މަސައްކަތްތައް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިން ޕްރިވެންޓިވް ހެލްތު ކެއާރ އާއި ކިއުރެޓިވް ހެލްތުކެއަރއަށް ސަމާލުކަން ނުދޭ ވަރަށް އެ ދާއިރާތަކަށް އިސްކަންދެއްވާނެކަމަށް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން