ރިޕޯޓް
ދައުރުގެ ކުރީކޮޅު މަޝްރޫޢުތައް ނިންމުމަކީ ބިލާހެއް ނޫން، އެއީ މިހާރުގެ "ބެންޗުމާރކް"

ރައީސުލްޖުމްހޫރިއްޔާ، ށ. މިލަންދޫ ފުޓްސަލް ދަނޑު އަދި ވޮލީބޯޅަ ދަނޑު ހުޅުއްވައިދެއްވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ގިނަ ޕާޓީތަކެއް އެކުލެވޭ ޑިމޮކްރެޓިކް ވެރިކަމެއް ދިވެހިރާއްޖެއަށް ގެނައިފަހުން، ތަރައްޤީގެ އަޑުތައް ގަދަވެ، ހިންގޭ މަޝްރޫޢުތައް މިވަނީ އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ. މި މަޝްރޫޢުތަކުގެ ފަހަތުގައި އޮތީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ވަޢުދުތަކެވެ. އަސާސީ ކަންކަން ފުރިހަމަކޮށްދިނުމުގެ ވަޢުދުތަކެވެ. ހަމަހަމަކަމާއެކު ވެރިކަން ކުރުމަށް ވެފައިވާ އަޙުދުތަކެވެ. އަދި ރައްޔިތުންނަށް ހެޔޮ މިންވަރު ހޯދައިދޭނެކަމަށް ބުނެ ވެފައިވާ ހުވާތަކެވެ.
އެގޮތުން އެތައް ސަތޭކަ ވަޢުދުތަކަކާއެކު ވެރިކަމުގެ ބުރަ މަސްއޫލިއްޔަތާއި ހަވާލުވާ ވެރީންނަށް، އެ ވަޢުދުތައް ވެރިކަމެއްގެ ދައުރުގައި ފުއްދޭނީ ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. ހިންދެމިލާނެ ވަގުތުކޮޅެއް ނުލިބޭނެއެވެ. މައުނަވީ ގޮތުން ބުނާނަމަ، 24 ގަޑިއިރު ތިބެންޖެހޭނީ ރައްޔިތުންގެ ޚިދުމަތުގައެވެ.
ކުރީގެ ވެރިކަންތަކުގައި ފެންނަމުން ދިޔައީ، ރައްޔިތުންނަށްވެފައިވާ ވަޢުދުތައް ފުއްދުމަށް ދަޢުރުގެ ފަހުކޮޅު ތެޅިގަންނަތަނެވެ. އެހެންކަމުން ދައުރުގައި ފަށާ ގިނަ މަޝްރޫޢުތައް ދައުރު ނިމެންވާއިރަށް ނިންމޭތަނެއް ފެނިގެނެއް ނުދެއެވެ. އެގޮތުން މަޝްރޫޢުތައް ލަސްވުމުގައި ފަހުން ފެށުމުގެ އިތުރުން، އެކަށޭނަ ނޫން ކުންފުނިތަކާ މަޝްރޫޢުތައް ހަވާލުކުރުމުން އާޚިރުގައި ހުރިހާ ބަދުނާމެއް އަންނަނީ، އެ ޒިންމާނަގަންހުރި ވެރިމީހާގެ ބޮލަށެވެ. ކަންވާނީވެސް އެހެންތާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އޮނަރަބަލް އަޙުމަދު ޝިޔާމް މި މޭރުމުން ވިދާޅުވީ، ވެރިކަމުގެ ކުރީކޮޅު ކަންކަން ނުކުރެވުމަކީ އެކަން ހިނގާނެ ގޮތްކަމަށް ރައްޔިތުން ހީކޮށްގެން ތިއްބައި، އަދުގެ ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ، އެއީ ކުންހީއެއް ކަމުގައި ހައްދަވަމުން ކަމަށެވެ. ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ވެރިކަމުގެ ކުރީކޮޅު ރައްޔިތުންނާ ގާތަށް އެ ވަޑައިގަންނަވަނީ ބައެއް ކަންކަން ނިންމަވައި އަދި ބައެއްކަންކަން ކުރައްވަމުން ގެންދަވަމުން ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ތަނުގައި ރައްޔިތުން "ބެންޗުމާރކް" ޖަހާނީ، ރައީސް މުޢިއްޒުގެ ސަރުކާރުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަކިން ޚާއްޞަކޮށް ވެރިކަމުގެ ކުރީކޮޅު ކަންކަން ނުވެ އޮތްއޮތުން ރައްޔިތުންނަށް ހީވެފައި މިއޮންނަނީ، މީއޭ ވެރިކަމެއްގައި ކަންތައްތައް ވާނެ ގޮތަކީ. (ނަމަވެސް) ރައީސުލްޖުމްހޫރިއްޔާ މިއަދު ރަށްރަށަށް އެ ވަޑައިގަންނަވަނީ ކަންކަން ކުރައްވާފައި، ކަންކަން ކުރައްވަމުން. މިއީ ޙަޤީޤަތުގައި ތަފާތަކީ.
ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރިއަށް ކުރެއްވެވި ދަތުރުފުޅުގެ ބައިވެރިއެއްގެ ގޮތުން ށ. ފޯކައިދޫގައި ހުންނަވައި "ފަރުދުން"އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ތެދުފުޅެކެވެ. ވަޒީރު އެ ދެންނެވި ބަސްފުޅާއި، ސަރުކާރުން ކަންކުރައްވަމުން ގެންދަވާ ގޮތާއި ދިމާވެއެވެ. މިއަދު މި ފެންނަނީ މަޝްރޫޢުތައް ނިންމަވަމުން، އަދި ނިމޭވަރަށް ވުރެ އިތުރު މަޝްރޫޢުތައް ފައްޓަވާ މަންޒަރެވެ. ރައްޔިތުންނާ މަޝްވަރާ ކުރާ މިންވަރު އިތުރެވެ. ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫޢުތަކަކީ ކޮބައިތޯ ބަލަނީ ރައްޔިތުންގެ ކައިރީގައި އަހައިގެންނެވެ. އެގޮތުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އެ ވަޑައިގަންނަވަނީ ސިލްސިލާކޮށް އަތޮޅުތަކަށް ދަތުރުތައް ކުރައްވަމުންނެވެ. މި ދަތުރުފުޅުތަކުގެ ތެރެއިން އެ މަނިކުފާނު އެންމެ ފަހުން ވަޑައިގެންނެވީ މިލަދުންމަޑުލު އުތުރުބުރިއަށެވެ.
Raeesuljumhooriyya mihaaru rahrashah e'vadaigannavany kankan kuravvaafa, kankan kuravvamun. Mee thafaathaky - Minister Shiyam pic.twitter.com/FBNQXK3UQv
— Farudhun (@farudhun) October 14, 2025
އެ މަނިކުފާނުގެ މި ދަތުރުފުޅުގެ އުސްއަލިތަކަށް ބަލާލިޔަސް، ވަޒީރު ޝިޔާމް އެދެންނެވި ބަސްފުޅުގެ ތެދުކަން ވަރަށް ބޮޑަށް ހާމަވެއެވެ. އެ ދަތުރުފުޅުގައި ށ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަށް އެ މަނިކުފާނު ވަޑައިގެންނެވިއިރު، މި ރަށްރަށުގައި ޖުމްލަ 66 މަޝްރޫޢެއްގެ އެކި މަރުހަލާތައް ކުރިޔަށް ގެންދެވިއެވެ.
އެގޮތުން މުޅި އަތޮޅުގައި ޖުމްލަ 34 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެއްޓެވިއިރު، 25 މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. އަދި 7 މަޝްރޫޢެއްގެ ނިންމުން ފާހަގަކުރުން ވެސް އޮތެވެ.
މި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވި ބަސްފުޅެއް އޮތެވެ. އެއީ، ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ފުރިހަމައަށް ކޮށްދެވޭނެ ކަމުގެ ޔަޤީންކަން ސަރުކާރަށް އޮތްކަމުގެ ވާހަކައެވެ. މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު އޮތް އިޤުތިޞާދީ ޚާލަތު ކަމަށާއި، ނަމަވެސް އެކަން ބަދަލުކުރެއްވުމަށް އެތެރެ އާއި ބޭރުގެ ދަރަނި ޚަލާސްކުރައްވަމުން ގެންދަވާއިރު، މަޝްރޫޢުތައް ކުރިޔަށް ގެންދަވަމުން 2026 ވަނަ އަހަރަށް ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ޚަލާސްކުރެއްވުމުގައިވެސް ކަންބޮޑުވުމެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެ މަނިކުފާނު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ގިނައިން ޢަމަލީ މަސައްކަތް ފެއްޓެވި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތާއި އަދި ފުލުހުންގެ މަރުކަޒުތަކުގެ މަސައްކަތެވެ. މީގެ ތެރެއިން ފިޓްނަސް ސެންޓަރުތަކުގެ މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއެވެ.
މި ސަރުކާރުގެ އަމާޒަކީ، ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފިޓްނަސް ސެންޓަރުތައް ހުޅުވާ، އެ ރަށެއްގެ ރައްޔިތުން އެންމެ ބޭނުންވާނެ ކުޅިވަރު ކުޅެވޭނެ ވަޞީލަތްތައް ޤާއިމްކުރުމެވެ. އެގޮތުން، ސަރުކާރުން ތަރައްޤީކުރާ ފިޓްނަސް ސެންޓަރުތަކުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި، ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.
ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަޝްރޫޢުތަކާ ގުޅިގެން "ފަރުދުން"އަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ އެމްޑީ އަދި ސީއީއޯ އިބްރާޙިމް ޝަރީފް މުޙައްމަދު ވިދާޅުވީ، ޗައިނާގައި ރީފެންރިކޭޓުކޮށްގެން އެ ބިލްޑިންތައް މިހާރު ހަދަން ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތް އެއްފަހަރާ ގިނަ ރަށްރަށުގައި ކުރިޔަށް ގެންދިއުމުގެ ޤާބިލްކަން އެ ކުންފުނީގައި ހުރި ކަމަށާއި، ބިން ސާފުކޮށް ނިމުމުން ބިންގާ އަޅަން ފަށާނެކަމަށް ވިދާޅުވިއެވެ. އަދި ބިންގާ އެޅުމަށްފަހު ޗައިނާއިން ގެންނަ ސްޓްރަކްޗަރތައް ގިނަ ދުވަސްތަކެއް ނުވެ ހަރުކުރެވޭނެކަމަށް ވިދާޅުވިއެވެ.
މިހާރު ބައެއް ރަށްރަށުގައި ބިން ސާފުކޮށް ނިމެނީ، އެ ހިސާބުން ފެށިގެން ލަސްނުކޮށް ބިންގާ އަޅަން ފަށާނަން. އަޅުގަނޑުމެންގެ ސްޓްރަކްޗަރސް އައިމަ އެ ބިންގާ މައްޗަށް ސްޓްރަކްޗަރ މައުންޓުކުރާކަށް މާގިނަ ދުވަހެއް ނުނަގާނެ. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ މެދުތެރޭގައި ނުވަތަ އެއަށްވުރެން ވެސް ކުރިން ގިނަ ތަންތަން އަޅުގަނޑުމެންނަށް ނިންމާލެވޭނެ.
އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ އިބްރާޙިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.
އެހެންކަމުން މި އަހަރުތެރޭގައި ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށަމުންދާ ފަދައިން، ޤަބޫލު ކުރެވޭ ގޮތުގައި މިއަންނަ އަހަރު އޮންނާނެ އެއްކަމަކީ ފިޓްނަސް ސެންޓަރުތައް ހުޅުވުންކަމަށް ގިނަ ބަޔަކު މިހާރު އުއްމީދުކުރާނެކަން ޔަޤީނެވެ.
Progress on MACL's Fitness and Recreation Centers#RayyithunGaathah #ShaviyaniAtollVisit pic.twitter.com/g53OqqOiRN
— Farudhun (@farudhun) October 14, 2025
ސަރުކާރުގެ އިސްނެގުމާއިއެކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ތެރެއިން މިހާރު ވެސް ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. ބޭންކުން ހާމަކޮށްފައިވާ ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން 24 އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ 81 ރަށަށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދެވުނުއިރު، ހަމައެކަނި މި އަހަރުވެސް ވަނީ 95 ރަށުގައި އޭޓީއެމް ޤާއިމުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރެއްވެވި ދަތުރުފުޅު މިހާރު ނިންމަވާލައްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އެ ދަތުރުފުޅުން އެ އަތޮޅުގެ ރައްޔިތުންނަށް މިވަނީ ފޮނި އުއްމީދުތަކެއް ލިބިފައެވެ. ކުރިން އެ އަތޮޅުގައި އެންމެ އެއާރޕޯޓެއް އޮތް ނަމަވެސް، ރައީސްގެ މި ދަތުރުފުޅުގައި އިތުރު ތިން އެއާރޕޯޓެއް ތަރައްޤީ ކުރުމަށް ވަނީ އެމްއޭސީއެލްއާ ހަވާލުކޮށްފައެވެ. ރައީސް ވިދާޅުވީ، މި ދެ އެއާރޕޯޓުގެ މަސައްކަތް ވެސް ކުރިޔަށް އޮތް 30 މަސްދުވަހުގެ ތެރޭގައި ނިންމަވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރެއްވެވި ދަތުރުފުޅުގައި ކުންފުނިތަކާއި ހަވާލުކުރެވުނު މަޝްރޫޢުތައް:
- ކަނޑިތީމު މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން
- ކަނޑިތީމު ބަނދަރު ތަރައްޤީކުރުން
- ގޮއިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން
- ގޮއިދޫ ބަނދަރު ތަރައްޤީކުރުން
- ބިލެތްފަހި ބިން ހިއްކުމާއި އެއަރޕޯޓު ތަރައްޤީކޮށް އޮޕަރޭޓްކުރުމަށް ހަވާލުކުރުން
- ފޭދޫ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުން
- ފޭދޫ ގޮނޑުދޮށް ހިމާޔަތް ކުރުން
- ފޯކައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން
- ފޯކައިދޫގެ މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުން
- ފޯކައިދޫ ގިރުމުގެ މައްސަލަ ހައްލުކުރުން
- ކޮމަންޑޫ ބިންހިއްކުމާއި އެއަރޕޯޓު ތަރައްޤީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް ހަވާލުކުރުން
- ކޮމަންޑޫގައި އައިސްޕްލާންޓެއް ޤާއިމްކުރުން
- ނަރުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް
- ނަރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުން
- މިލަންދޫގައި 50 ހައުސިންގ ޔުނިޓު ތަރައްޤީކުރުން
- މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމްކުރުން
- މިލަންދޫ ފޭސް 2 ގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން
- މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުން
- ފުނަދޫގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްއެއް ޤާއިމްކުރުން
- ފުނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި
- ފުނަދޫ ބަނދަރު ތަރައްޤީ ކުރުން
- ފުނަދޫ ހޮސްޕިޓަލުގެ 50 އެނދުގެ އައު އިމާރާތް
- ފުނަދޫ ސްޕޯޓްސް ކޮމްޕްލެކްސް
- ފުނަދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުން
- ފުނަދޫގައި އިސްލާމީ މަރުކަޒެއް ޤާއިމްކުރުން
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ޢަމަލީ ގޮތުން ފެއްޓެވި މަޝްރޫޢުތައް:
- ނޫމަރާގައި އަލަށް އިމާރާތްކުރާ މިސްކިތް
- ނޫމަރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު
- ނޫމަރާ ފުލުހުންގެ މަރުކަޒު
- ކަނޑިތީމު ފުލުހުންގެ މަރުކަޒު
- ބީއެމްއެލް ކަނޑިތީމު ބްރާޗު
- ކަނޑިތީމުގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު
- ގޮއިދޫގައި ތަރައްޤީކުރާ ކުނި މެނޭޖުކުރާ މަރުކަޒު
- ގޮއިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު
- ގޮއިދޫ ފުލުހުންގެ މަރުކަޒު
- ބިލެތްފަހި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުން
- ބިލެތްފަހި ފުލުހުންގެ މަރުކަޒު
- ބިލެތްފަހި ކައުންސިލް އިދާރާ
- ބިލެތްފަހީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު
- ފޭދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު
- ފީވަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު
- ފީވަކު ފުލުހުންގެ މަރުކަޒު
- ފީވަކު ސްކޫލްއަށް އިތުރުކުރެވޭ އިމާރާތް
- ފޯކައިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު
- ފޯކައިދޫގައި ފުލުހުންގެ މަރުކަޒު
- ފޯކައިދޫ ކުނި މެނޭޖުކުރާ މަރުކަޒު
- ފޯކައިދޫ އިސްލާމީ މަރުކަޒު
- ނަރުދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު
- ނަރުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު
- ނަރުދޫ ފުލުހުންގެ މަރުކަޒު
- މިލަންދޫ ހޮސްޕިޓަލްގެ އައު އިމާރާތް
- މިލަންދޫ އިސްލާމިކް ސެންޓަރު
- މިލަންދޫ ފުލުހުންގެ މަރުކަޒު
- މިލަންދޫ އެއަރޕޯޓު
- މަރޮށީ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން
- މަރޮށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު
- މަރޮށީ ފުލުހުންގެ މަރުކަޒު
- މަރޮށީގައި އިމާރާތްކުރާ ކައުންސިލް އިދާރާ
- ފުނަދޫ އެއަރޕޯރޓްގެ ރަންވޭ ބޮޑުކުރުން
- ފުނަދޫ ފަޅުގައި އޮންނަ ފަރުކޮޅުގައި ނޭޗަރ ޕާކް ތަރައްޤީ ކުރުން
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި އިފްތިތާޙު ކުރެއްވި ޚިދުމަތްތައް / އިމާރާތްތައް:
- ނޫމަރާ ކައުންސިލްގެ އައު އިމާރާތް ހުޅުވާދެއްވުން
- މިލަންދޫ ފުޓްސަލް ދަނޑު ހުޅުވާދެއްވުން
- މިލަންދޫ ވޮލީކޯޓު ހުޅުވާދެއްވުން
- މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފެށުން
- ފުނަދޫގައި ޤާއިމްކޮށްފައިވާ 30 ޓަނުގެ އައިސް ޕްލާންޓު ހުޅުވުން
- ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެށުން
- ކޮމަންޑޫ ކައުންސިލުން އެދިގެން، އެ އަތޮޅުގެ ގައްލައިދޫ ރަސްމީކޮށް ކޮމަންޑޫ ކައުންސިލްއާ ހަވާލުކުރުން
އެހެންކަމުން، ރައީސްގެ ސިލްސިލާ ދަތުރުފުޅުތަގެ ނަތީޖާ ވަރަށް ފޮންޏެވެ. އަދި މި ދަތުރުފުޅުތަކުން ރައްޔިތުންނަށް ގެނަސްދޭން މަސައްކަތްކުރާ ތަރައްޤީ ފުރިހަމައަށް އިޙުސާސް ކުރެވެން ފަށާނީ ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގެ ކުރީކޮޅު އެ މަނިކުފާނު މި ގެންދަވަނީ ވަރުބަލިކަމެއް ނެތި އުމްރާނީ ތަރައްޤީ އާއި ފިކުރީ ތަރައްޤީ ގެންނަވަމުންނެވެ. މި ސްޕީޑުގައި ކުރިޔަށްދާނަމަ، މި ދައުރުގައި އެ މަނިކުފާނު ފައްޓަވާ މަޝްރޫޢުތައް ނިންމޭނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ.