ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، މާވަށު ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި
 
                    ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހައްދުންމަތީ މާވަށު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މާވަށު ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން، ރަށުގެ ބިންހިއްކުމުގެ މަސައްކަތާއެކު އެ ސަރަޙައްދުގައި ފުޓްބޯޅަ ދަނޑެއް އަޅައިދެއްވުމަށާއި، ރަށުގެ ޞިއްޙީ މަރުކަޒެގެ ޙާލަތު ރަނގަޅުކޮށްދެއްވުމަށާއި، ސީއެމްބިއުލާންސްގެ ޚިދުމަތް ލިބޭނެގޮތް ހެއްދެވުމުގެ އިތުރުން، ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅުއްވާއިރު މާވަށަށް އިސްކަން ދެއްވުމަށް އެދިވަޑައިގެންފައެވެ. ހަމަ އެހެންމެ، ސްޕޯޓްސް ފިޝިންގް އަށް ޚާއްޞަ ބޮއެއް ރަށުގެ ސަރަޙައްދުގައި އަޅުއްވައިދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ސިއްޙީ މަރުކަޒުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށާއި، އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހުރިހާ ހެލްތު ސެންޓަރުތަކުން ބޭނުންވާ ކަންކަމުގައި ސީދާ ޞިއްޙީ ވުޒާރާއާއި މުޢާމަލާތްކުރާ ގޮތަށް މަސައްކަތް ރާވާފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އެމަނިކުފާކުގެ ވާހަކަފުޅުގައި ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
 
                 
                             
                                         
                 
                 
                                             
                                            