ޚަބަރު
ސަރުކާރުގެ އަމާޒަކީ ލ.ހިތަދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން: ރައީސް މުޢިއްޒު
ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ލ. ހިތަދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ ހައްދުންމަތީގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހިތަދޫ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް މިއަދު ފެށިގެން ދިޔައިރު، މި އިމާރާތަކީ އެ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގައި ލިބޭ ކުރިއެރުމެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރު މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރެއްވުމަށް ޚާއްޞަ އަހުމިއްޔަތުކަމެއް ދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ހިތަދޫގައި ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވާފައިވެއެވެ. މީގެ ތެރޭގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފެއްޓެވުމާއި، ބޭންކުގެ ބްރާންޗް އިމާރާތުގެ ބިންގާ އެޅުއްވުމާއި، ފިޓްނަސް ސެންޓަރާއި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ހިތަދޫ-ކުނަހަންދޫ ކޯޒްވޭ މަޝްރޫޢުވެސް އިފްތިތާޙު ކުރެއްވިއެވެ.
އަތޮޅުގެ ދެވަނަ އެއަރޕޯޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ދަތުރުފުޅުގައި އެކަމާމެދު ގޮތެއް ނުނިންމެވި ކަމުގައިވިޔަސް، އެންމެ ފައިދާހުރި އަދި ދެކޮޅުޖެހޭ ގޮތެއް ބެއްލެވުމަށްފަހު އަވަހަށް ގޮތެއް ނިންމަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.
މީގެއިތުރުން، ހިތަދޫގައި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައިވެސް މިއަދު ސޮއިކުރެވުނެވެ. އަދި ބީއެމްއެލް ބްރާންޗުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިމޭނެކަމަށާއި، ހިތަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތްވެސް މިއަހަރު ފެށޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.