ޚަބަރު
ކުނަހަންދޫގެ މަގުތައް ހެދުމާއެކު މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލުހޯއްދަވައި ދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ކުނަހަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
ހައްދުންމަތީ ކުނަހަންދޫގެ މަގުތައް ހެދުމުގެ މަޝްރޫޢު ފެށުމާއެކު، އެ ރަށުގައި ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވާފައިވަނީ، ހައްދުންމަތީގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުނަހަންދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާއެކު މިއަދު ހަވީރު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރަށުގެ ރައްޔިތުން ވަނީ ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު އަލުން ފެށުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަވަހަށް ނިންމުމަށް އެދިވަޑައިގެންފައެވެ.
ބައްދަލުވުމުގައި ރައްޔިތުން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ހުރި ދަތިތަކާއި، ރަށު ސްކޫލުގެ މަސައްކަތް ލަސްވަމުންދާ މައްސަލަ ހިމެނެއެވެ. މީގެއިތުރުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ޖަލްސާކުރާނެ ހޯލެއް ނެތުމާއި، އެކަށީގެންވާ ޞިއްޙީ ޚިދުމަތް ނުލިބޭ މައްސަލަވެސް ރައްޔިތުން ވަނީ ފާހަގަކުރައްވާފައެވެ.
"މިއަދު ފެށި މަޝްރޫޢުތަކާއި ސޮއިކުރެވުނު މަޝްރޫޢުތަކުގެ މަސައްކަތް ވަރަށް ސަމާލުކަން ދެއްވައިގެން ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެ" ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން މޫދަށް އެރޭ ސަރަހައްދެއްވެސް ތަރައްޤީކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މިއީ 1978 ވަނަ އަހަރުން ފެށިގެން އިންތިޚާބީ ވެރިޔަކު ކުނަހަންދޫއަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރުކަން ރައްޔިތުން ވަނީ ފާހަގަކުރައްވާފައެވެ. މި ބައްދަލުވުން ނިމުމުގެ ކުރިން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ކުނަހަންދޫ ކައުންސިލަށް ހަނދާނީ ފިލައެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަވާލުކޮށްދެއްވާފައެވެ.