Ads by Stelco

ޚަބަރު

ތިން އަހަރުގެ ތެރޭގައި ކައްދޫ އެއާރޕޯޓު ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރާނަން: ރައީސުލްޖުމްހޫރިއްޔާ

ތިން އަހަރުގެ ތެރޭގައި ކައްދޫ އެއާރޕޯޓު ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރާނަން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 އޮކްޓޯބަރު 2025، 07:39

21 އޮކްޓޯބަރު 2025، 07:39

އެންމެ ގިނަވެގެން ތިން އަހަރުގެ ތެރޭގައި ލ. ކައްދޫ އެއާރޕޯޓު ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެ މަނިކުފާނު މިކަން ފާހަގަ ކުރެއްވީ، ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފޮނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކައްދޫ އެއާރޕޯޓު ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ރޭ ހަވާލުކުރިއިރު، އެ މަޝްރޫޢުގެ ތެރެއިން ކުރަން ހުރި މަސައްކަތްތަކަށް އަލިއަޅުވާލަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއާރޕޯޓުގައި 2800 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރުމަށް ބޭނުންވާ 114 ހެކްޓަރުގެ ބިންހިއްކުން ހިމެނޭކަމަށެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ފޮނަދޫއަށް 30 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް ވެސް އެމްއޭސީއެލްއިން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެ މަނިކުފާނު ފާހަގަކުރެއްވެވިއެވެ. އެގޮތުން ޖުމްލަ 144 ހެކްޓަރުގެ ބިން ހިއްކުން މި މަޝްރޫޢުގައި ހިމެނޭއިރު، ބިން ހިއްކުމުގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމައި، އެއާރޕޯޓްގެ މަސައްކަތް ގިނަވެގެން 36 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.

ކައްދޫ އެއާރޕޯޓު ތަރައްޤީކޮށް ބިންހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެއަރޕޯޓް މަޝްރޫޢުގެ ތެރެއިން ފޮނަދޫއަށް 30 ހެކްޓަރުގެ ބިން އިތުރުކޮށް އެއަރޕޯޓު ހެދުމަށްޓަކައި އިތުރު 114 ހެކްޓަރުގެ ބިން ހިއްކާނަން... ސަރުކާރުގެ އަމާޒަކީ އެންމެ ގިނަވެގެން 36 މަސްދުވަހުގެ ތެރޭގައި ކައްދޫ އެއަރޕޯޓުގެ މަޝްރޫޢު ނިންމުން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އަދި މި މަޝްރޫޢުގެ ތެރެއިން ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރާ ކައްދޫ އެއާރޕޯޓަށް ބޭނުންވާ ބިން ހިއްކާނީ މިހާރު ކައްދޫގައި ހުރި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، (އެމް.އެން.ޑީ.އެފް)ގެ މަރުކަޒު ބަދަލުކުރަން ނުޖެހޭގޮތަށް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެ މަނިކުފާނު ފޮނަދޫގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތައް ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވަމުން، ރޭ އެ ރަށުގައި ކުރިޔަށް ގެންދިއުމަށް އެމްޓީސީސީ އަދި އެމްއޭސީއެލްއާ ހަވާލުކުރެވުނު މަޝްރޫޢުތަކަކީ އެ ރަށުގެ އިތުރުން މުޅި އަތޮޅާއި ސަރަޙައްދުގެ ހުރިހާ ރަށަކަށް އެކަމުގެ ފައިދާ ލިބިގެންދާނެ މަޝްރޫޢުތަކެއްކަމަށް ވިދާޅުވިއެވެ.

ލ. ފޮނަދޫގައި ރޭ އޮތް ޖަލްސާގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގައި 50 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށްދާކަން ވެސް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އެ ރަށުގައި 500 ހައުސިން ޔުނިޓު ތަރައްޤީ ކުރެއްވުމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ތެރެއިން 100 ހައުސިން ޔުނިޓުގެ މަސައްކަތް މި މަސްތެރޭގައި ބަޔަކާ ހަވާލުކޮށް، މި އަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފަށާނެކަމަށް ވިދާޅުވިއެވެ.

ސައުދީ ފަންޑުން ރާއްޖޭގައި ހޮސްޕިޓަލްތައް އެޅުމަށްޓަކާ ލިބުނު ފުރުސަތުގެ ތެރެއިން މި ރަށުގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ވާނީ ނިންމާފައި.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި އިޤްތިޞާދީ މުހިއްމު މަޝްރޫޢެއް ކަމަށްވާ، ބަންކަރިންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޓްރާންސްޝިޕްމެންޓް ބަނދަރު ހެދުމުގެ މަސައްކަތް މިހާރު އޮތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބަޔަކާއި ޙަވާކުކުރުމުގެ މަރުޙަލާގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަތުވެރިކަމުގެ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއާއި، ކޮންސްޓްރަކްޝަންގެ ދާއިރާ ކުރިއެރުވުމަށް އެތައް މަސައްކަތެއް ސަރުކާރުން ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ކުރިއަށް އޮތް މަދުދުވަސްކޮޅުގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރައްވާ އަމިއްލަ ކުންފުނިތަކަށް ސަރުކާރުގެ މަސައްކަތްތަކެއް ލިބި، ކުރިއަށް އޮތީ ރައްޔިތުންގެ އަތްމަތި ތަނަވަސް ވެގެންދާނެ ދުވަސްތަކެއް ކަމުގައި ހާމަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން