ޚަބަރު
އައްޑޫ ސިޓީގައި ވަކިވަކި ކައުންސިލްތައް އުފެއްދުމުގައި ސަރުކާރުން ހާސިލްކުރަން ބޭނުންވާ ވަކި ގޮތެއް ނެތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އައްޑޫ ސިޓީގައި ވަކިވަކި ކައުންސިލްތައް އުފެއްދުމުގައި ސަރުކާރުން ހާސިލްކުރަން ބޭނުންވާ ވަކި ގޮތެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަނެއްކާ ވެސް ތަކުރާރުކުރައްވައިފިއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މިހާރު ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫ ސިޓީގައި ލޯކަލް ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓާ ގުޅިގެން ބައެއް ފަރާތްތަކުން ހަޤީޤަތް އޮޅޭގޮތަށް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.
އަދި މި ވޯޓަކީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ފަރާތުން ވަކި ކައުންސިލުތައް ހެދުމުގެ މައްސަލައިގައި ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައި އޮތުމުން އެކަން ޙައްލުކޮށްދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ޤާނޫނީ ނިޒާމުގެ ތެރެއިން ނަގާ ފެންނަ ނުފެންނަ ވޯޓެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މި މަހުގެ 25ވަނަ ދުވަހު އޮންނަ ވޯޓުގައި ވަކި ކައުންސިލްތަކެއް ހަދަން މި ތިން ރަށުގެ ރައްޔިތުން ނިންމަވައިފިނަމަ ވަކި ކައުންސިލުގެ ހުރިހާ ހައިސިއްޔަތެއް އެ ކައުންސިލުތަކަށް ލިބިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެހެންވެއްޖެނަމަ، މިހާރު މުޅި ސިޓީ ކައުންސިލަށް އޮންނަ އެއް ބަޖެޓްގެ ބަދަލުގައި ވަކި ކައުންސިލުތަކަށް އެ ބަޖެޓު ބެހިގެންދާނެކަމަށް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ރަށްރަށުގެ ކައުންސިލްތައް ވަކިކުރުމަށް ނިންމައިފިނަމަ، މިހާރު ބްލޮކް ގްރާންޓުގެ ކަލްކިއުލޭޝަންތައް ހަދާ އުސޫލުތަކަށް ބަލާއިރު، ފޭދޫ ކައުންސިލަށް އަހަރަކު 25 މިލިއަނެއްހާ ރުފިޔާ، ހުޅުދޫ ކައުންސިލަށް 13 ނޫނީ 14 މިލިއަނެއްހާ ރުފިޔާ އަދި މީދޫ ކައުންސިލަށް ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭނެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުން، އެ ތިން ރަށުގެ ރައްޔިތުން ވަކި ކައުންސިލުތައް އުފައްދަން ނުވަތަ، އެނޫން އެހެންގޮތަކަށް ނިންމެވިޔަސް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކޮންމެކަމެއްގައި ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.