ޚަބަރު
ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ހުދު ސަމާލު!

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނީ/ފޮޓޯ: އަވަސް އެމްވީ
މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށާއި، ހުދު ސަމާލު ނެރިފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ، މިއަދު ހެނދުނު 07:30 އިން ފެށިގެން މެންދުރުފަހު 13:30 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ހަމަ އެހެންމެ، މި ވަގުތުތަކުގައި އެ ސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 09:30 އިން މެންދުރުފަހު 15:30 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށާއި، މި ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ހަމަ އެއާއެކު، ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 16:00 އަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ވެސް ހުދު ސަމާލު ނެރިފައެވެ. މެޓް އޮފީހުން ވިދާޅުވީ، މި ސަރަޙައްދުގެ ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު މިކުރާ ވިއްސާރަ އަންނަ ހަފްތާއިން ފެށިގެން އަލިކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.