ޚަބަރު
ރައީސްގެ ހައްދުންމަތީ ދަތުރުފުޅުގެ ތެރެއިން މުންޑޫއަށް ވަޑައިގެންފި
 
                    ރައީސް، މުންޑޫއަށް ވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހައްދުންމަތީ މުންޑޫއަށް ވަޑައިގެންފިއެވެ.
މިއީ އެމަނިކުފާނުގެ ހައްދުންމަތީ ދަތުރުފުޅުގެ 6 ވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާ މުންޑޫއަށް ވަޑައިގެންނެވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރީންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބަނދަރު ސަރަޙައްދަށް އެއްވެ، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ ބައެއް މުހިންމު ކަންކަން ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މުންޑޫގައި ތަރައްޤީކޮށްފައިވާ ބީއެލްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވާ، އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި މުންޑޫގެ ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ހައްދުންމަތީގައި މީހުން ދިރިއުޅޭ 11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ލ. އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫ އެވެ. މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހައި އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ފަދަ ދަތުރުފުޅުތަކުގެ ބޭނުމަކީ، ރަށްރަށުގައި ހުރި ޢުމްރާނީ، އިޖުތިމާޢީ، އަދި އެ ނޫން ވެސް މައްސަލަތައް ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތައް ގާތުން އަޑު އައްސަވައި، އެ ކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތްކުރެއްވުމެވެ.
 
                 
                             
                                         
                 
                 
                                             
                                            