ޚަބަރު
ލ. މުންޑޫގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ރައީސް އިފްތިތާޙުކޮށްދެއްވައިފި

އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކުރުން/ފޮޓޯ: ރައީސް އޮފީސް
ހައްދުންމަތީ މުންޑޫގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފި އެވެ.
މުންޑޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުންޑޫއަށް ވަޑައިގެންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އޭޓީއެމުން ޚިދުމަތް ފެއްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑާއި ފައިސާ ރަށު ކައުންސިލަށް ރައީސް ވަނީ ހަވާލުކުރައްވާފައެވެ. މުންޑޫ ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސްއެވެ.
އެހެން އޭޓީއެމްތައް ފަދައިން މުންޑޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބިގެންދާނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފުރަތަމަ ފެށީ 2000 ވަނަ އަހަރުއެވެ. މާލެ ފިޔަވައި އަތޮޅުތަކަށް މި ޚިދުމަތް ފުޅާވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ.