ޚަބަރު
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ލ. މުންޑޫ ބަނދަރުގެ މައްސަލަ ޙައްލުކޮށްދޭނަން: ރައީސް

ރައީސް، މުންޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ލ. މުންޑޫ ބަނދަރުގެ މައްސަލަ ޙައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުންޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މުންޑޫ ސްކޫލްގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި، ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި، ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުން ވަނީ، މުންޑޫ ރައްޔިތުންގެ ޢާންމު އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރަށުގެ ކައުންސިލުން ވިދާޅުވީ، ރަށަށް މިވަގުތު ބޭނުންވާ އެންމެ މުހިންމު ކަމަކީ ރަށުގެ ބަނދަރު ތަރައްޤީކޮށްދެއްވާ، ބަނދަރުގެ މައްސަލައަށް ޙައްލެއް ގެނެސްދެއްވުން ކަމަށެވެ. ހަމަ އެއާއެކު، މި ބައްދަލުކުރެއްވުމުގައި ޢާންމުންގެ ފަރާތުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގެ ޞިއްޙީ ޚިދުމަތް މިހާރަށް ވުރެ ރަނގަޅުކޮށްދެއްވުމަށާއި، ރަށުގައި އަންހެނުން ވޮލީ ކުޅޭނެ ކޯޓެއް ތަރައްޤީކޮށްދެއްވުން ހިމެނެއެވެ.

ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ޚިޔާލުފުޅުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ކުރިއަށް ގެންދަވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ، ކުޅިވަރުގެ ވަޞީލަތް ޤާއިމްކޮށްދެއްވުމާއި، ޞިއްޙީ މަރުކަޒުން ބައެއް ޓެސްޓްތައް ހެދޭނެ ވަޞީލަތް ޤާއިމްކުރުމާއި، ސްކޫލް އޭސީ ކުރުމުގެ މަސައްކަތް، މުންޑޫގަ އިވެސް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށެވެ.
މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މުންޑޫ ސްކޫލް އޭސީ ކުރުމުގެ އިތުރުން ހޯލުގައި ތަށިމުށިޖަހާ، ފަރުނީޗަރު ބަދަލުކޮށް އިމާރާތްވެސް އައު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.