ޚަބަރު
ރައީސް ލ. މާބައިދޫއަށް: ވެހެމުންދިޔަ ވާރޭގައި ވެސް ރައްޔިތުން ނިކުމެ ހޫނު މަރުޙަބާއެއް!

ރައީސް، މާބައިދޫއަށް ވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހައްދުންމަތީ މާބައިދޫއަށް ވަޑައިގެންފިއެވެ.
މިއީ އެމަނިކުފާނުގެ ހައްދުންމަތީ ދަތުރުފުޅުގެ 7 ވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާ މާބައިދޫއަށް ވަޑައިގެންނެވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރީންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބަނދަރު ސަރަޙައްދަށް އެއްވެ، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް މާބައިދޫއަށް ވަޑައިގެންނެވި ވަގުތު އެރަށަށް ބޯކޮށް ވަރޭވެހެމުން ދިޔަ ނަމަވެސް ރަށުގެ ކުދިބޮޑު ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ ބައެއް މުހިންމު ކަންކަން ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މާބައިދޫގައި ތަރައްޤީކޮށްފައިވާ ބީއެލްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވާ، 25 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާ، އެރަށުގައި އިމާރާތްކުރާ ޤުރުއާނާ ބެހޭ މަރުކަޒުގެ ބިންގާއަޅާ، މާބައިދޫގައި އަލަށް އިމާރާތްކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއެޅުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ހައްދުންމަތީގައި މީހުން ދިރިއުޅޭ 11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ލ. އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫ އެވެ. މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހައި އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ފަދަ ދަތުރުފުޅުތަކުގެ ބޭނުމަކީ، ރަށްރަށުގައި ހުރި ޢުމްރާނީ، އިޖުތިމާޢީ، އަދި އެ ނޫން ވެސް މައްސަލަތައް ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތައް ގާތުން އަޑު އައްސަވައި، އެ ކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތްކުރެއްވުމެވެ.