ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ދަނބިދޫ ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ރައީސް، ދަނބިދޫ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހައްދުންމަތީ ދަނބިދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ދަނބިދޫ ސުކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ރަށުގެ ނަރުދަމާ އާއި ކަރަންޓްގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. ހަމަ އެހެންމެ މެންބަރުން ވަނީ، މަސައްކަތް ހުއްޓިފައިހުރި، ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތާއި، ސްކޫލްގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް އަވަސްކުރެއްވުމަށް އެދިލައްވާފައެވެ.
މީގެ އިތުރުން، މަސައްކަތް ހުއްޓިފައިހުރި ރަށުގެ މިސްކިތާއި، ކޯޒްވޭގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ޒުވާނުންނަށް ހޭންޑް ބޯލް ކޯޓެއް ބޭނުންވާކަމާއި، ބޮޑު ފުޓްބޯޅަ ދަނޑުގެ ފެންސްގެ މަސައްކަތް އަވަސްކޮށްދެއްވުމަށް މެމްބަރުން އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު، ރަށުގެ ބަނދަރު އަޕްގްރޭޑްކޮށްދެއްވުމަށާއި ރަށުގެ ނެރު ފުންކޮށްދެއްވުމަށާއި، އެންބިއުލާންސެއް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަކުރެރައްވާފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.