Ads by Stelco

ޚަބަރު

ލ. ދަނބިދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ނަރުދަމާގެ މައްސަލަ ހައްލުކުރެއްވުމަށް ފަހު: ރައީސް

ލ. ދަނބިދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ނަރުދަމާގެ މައްސަލަ ހައްލުކުރެއްވުމަށް ފަހު: ރައީސް

ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 އޮކްޓޯބަރު 2025، 07:33

21 އޮކްޓޯބަރު 2025، 07:33

ލ. ދަނބިދޫ މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ނަރުދަމާގެ މައްސަލަ ހައްލުކުރެއްވުމަށްފަހުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ހައްދުންމަތީގެ 11 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ލ. ދަނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ދަނބިދޫގެ ނަރުދަމާ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ދަނބިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ދަނބިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މި މަސައްކަތް ހަވާލުކުރައްވާފައި ވަނީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއެވެ.

މީގެ އިތުރުން، ދަނބިދޫގައި މިއަދު ރަސްމީކޮށް ޢަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ ބައެއް މަޝްރޫޢުތަކުގެ ރަސްމިއްޔާތު، ވިއްސާރަވުމުގެ ސަބަބުން ކެންސަލް ކޮށްފައިވާއިރު، އޭގެ ތެރޭގައި ދަނބިދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމާއި، ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ ޢިމާރާތުގެ ބިންގާއެޅުމާއި، ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފެށުމާއި، ފުލުހުންގެ އިދާރާ އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއެޅުން ހިމެނެއެވެ. މި ރަސްމިއްޔާތުތައް ނުބޭއްވުނު ނަމަވެސް، މި މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވަނީ، މި އަހަރުގެ ތެރޭގައި ދަނބިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމާއި، ޞިއްޙީ މަރުކަޒަށް އެމްބިއުލާންސެއް ހޯއްދަވައި ދެއްވުމާއި، ރަށުގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރެއްވުމަށް ބަނދަރުގައި ހުރި ދަތިކަން އަންދާޒާކުރައްވައި، އެކަމަށް ހިނގާނެ ޚަރަދު ދެނަގަތުމަށް ދަނބިދޫއަށް ވަރަށް އަވަހަށް ޓީމެއް އައުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ. ހަމަ އެއާއެކު، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ތަޢުލީމީ އަދި ކުޅިވަރުގެ ދާއިރާއިން މަޝްރޫޢުތައް ހިންގަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރަށުގައި އޭޓީއެމް ޚިދުމަތް ފެށުމާއި ގުޅިގެން ދަނބިދޫ ކައުންސިލަށް، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހަނދާނީ ފިލައެއް ވެސް ވަނީ އަރުވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން