ޚަބަރު
ޖެނުއަރީއިން ފެށިގެން އެކަނިވެރި މައިންގެ އެލަވަންސް 3،000ރ. އަށް ބޮޑުކުރަނީ

ޖެނުއަރީއިން ފެށިގެން އެކަނިވެރި މައިންގެ އެލަވަންސް 3،000ރ. އަށް ބޮޑުކުރަން ރައީސް ވަނީ ނިންމަވާފައެވެ---
މިއަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނަށް ދެމުން އަންނަ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އެ މަނިކުފާނު މިހާރު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
އެ މަނިކުފާނު ވިދާޅުވީ، އުމްރާނީ ތަރައްޤީގެ އިތުރުން، އެހެން ދާއިރާތަކުން އެ މަނިކުފާނުވެފައިވާ ވަޢުދުތައް ވެސް ފުއްދަވަމުން ގެންދަވާކަމަށާއި، އެގޮތުން އެކަނިވެރި މައިންގެ އެލަވަންސްގެ ގޮތުގައި މިހާރު ދެމުން އަންނަ މިންވަރު އިތުރުކުރުމަކީ އެ މަނިކުފާނު ވެވަޑައިގެންނެވި ވަޢުދެއްކަމަށެވެ.
އެ ވަޢުދު ފުއްދުމުގެ ގޮތުން މިއަންނަ އަހަރަށް ފާސްކުރާ ބަޖެޓުގައި ހިމަނައިގެން ކޮންމެ ކުއްޖަކަށް 3،000 ރުފިޔާގެ މަގުން އެކަނިވެރިމައިންގެ އެލަވަންސް ބޮޑުވެގެން ދާނެކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ މިއަންނަ އަހަރުގެ ބަޖެޓު ފާސްވެގެން ދިއުމުން، ޖެނުއަރީ މަހުން ފެށިގެން ސިންގަލް ޕޭރެންޓް އެލަވަންސް ކޮންމެ ކުއްޖަކަށް 3،000ރ. އަށް ބޮޑުވެގެން ދާނެ."
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މި އެލަވަންސް ލިބެންޖެހޭ ލިސްޓުގައި 5،878 ފަރާތެއް ތިބިކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މިހާރު ސަރުކާރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދެމުން އަންނަނީ 2،000 ރުފިޔާގެ އެލަވަންސެކެވެ. އަދި އެންމެ ގިނަވެގެން ލިބޭނީ 10،000 ރުފިޔާއާ ހަމައަށެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކެމްޕެއިނުގައި ވިދާޅުވީ ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރެއްވުމަށްފަހު ދަރިންގެ އަދަދަށް ބަލައި ޖުމްލަ 12،000 ރުފިޔާއާއި ހަމަޔަށް އެލަވަންސް ދެވޭނެ ކަމަށެވެ.
މީގެއިތުރުން، ތެލަސީމިއާ ޕޭޝަޓުންނަށް 1،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.