ޚަބަރު
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވައިފި

ރައީސުލްޖުމްހޫރިއްޔާ، ލ. ހިތަދޫގައި ޢިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން - 21 އޮކްޓޫބަރު 2025 / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދު ފުއްދަވައިފިއެވެ.
މިކަން ހާސިލްކުރެވުނުކަން އެ މަނިކުފާނު އިޢުލާންކުރެއްވީ، ހައްދުންމަތީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގަމަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައެވެ.
ގަމުގެ ރައްޔިތުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި އެއްވެސް ވަރަކަށް ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައި ނުވާ މީހުން ދިރިއުޅޭ 66 ރަށް އޮތްކަމަށެވެ. އަދި އޭރު އެ ރަށްތަކުގައި ފުލުހުން މަސްއޫލުވާންޖެހޭ ބާވަތުގެ އެއްވެސް ކަމެއް ހިނގައިފިނަމަ، ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެނީ ކައިރި ރަށްރަށުން ފުލުސް އޮފިސަރުން ގޮސްގެންކަން ފާހަގަ ކުރެއްވިއެވެ.
ނަމަވެސް އެކަން ނިމުމަކަށް ގެނަސް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.
މިއަދު ހަވީރު 5:15 އިން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބޭ ފުލުހުންގެ ޚިދުމަތް ވަނީ ޤާއިމްކޮށް ނިންމާފައި. 5:15 ގައި ރ. އަތޮޅު ރަސްގެތީމްގައި ފުލުހުންގެ ޚިދުމަތް ޤާއިމް މިކުރީ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމް ކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާނުގައެވެ. ރައީސް އިޢުލާން ކުރެއްވީ މި އަހަރު ނިމުމުގެ ކުރިން މިކަން ހާސިލްކުރައްވަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އަހަރު ނިމެން ބާކީ ދެ މަސް އޮއްވައި އެ މަނިކުފާނުގެ އެ ވަޢުދު މިވަނީ ފުއްދަވާފައެވެ.
މީގެ އިތުރުން، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ފުލުހުންގެ އަމިއްލަ އިމާރާތުގައި ޚިދުމަތްދެނީ އެންމެ 17 ރަށުގައި ކަމަށާއި، އަމިއްލަ އިމާރާތް ނެތުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ދަތި އުނދަގޫތައް ކުރިމަތިވަމުންދިޔަކަން ވެސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ދައުރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތުގައި، ޤާއިމުވެ ތިބެ، ފުލުހުން ޚިދުމަތްދެމުން ގެންދަވާނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.

އެގޮތުން އެކަން ހާސިލްކުރެއްވުމުގެ މަސައްކަތުގެ ތެރެއިން، މިހާރު 63 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށް މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ 36 ރަށް މިވަގުތު އެބައޮތެވެ. އެހެންކަމުން ޖުމްލަ 99 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރެވެމުންނެވެ.
އަދި މި މަހުގެ ތެރޭގައި އިތުރު 39 ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާން ކުރައްވާފައެވެ. މިއާއެކު ޖުމްލަ 138 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަޝްރޫޢުތައް ހިނގަމުން ދާނެއެވެ.