ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، އިސްދޫ ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި
 
                    ރައީސް، އިސްދޫ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހައްދުންމަތީ އިސްދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.
އިސްދޫ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ރަށުގެ ކަރަންޓާއި ނަރުދަމާގެ މައްސަލައަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށާއި، ރަށުގައި މިވަގުތު ހުރި ބޭނުންނުކުރެވޭ ޖަނަރޭޓަރުގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ހަމަ އެއާއެކު، ރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާ ސްކޫލަށް އިތުރު 8 ކްލާސްރޫމް ބޭނުންވާކަން މެންބަރުން ފާވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން، ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރު މުވައްޒަފުންނާއި ވަޞީލަތްތައް އިތުރުކޮށްދެއްވުމަށް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ. އަދި ރަށުގެ ފުޓްސަލް ދަނޑުގެ ޓަރފް ބަދަކޮށްދެއްވުމަށާއި ދުވާ ޓުރެކެއް ޤާއިމު ކޮށްދެއްވުމާއި، ރަށަށް އިންޑޯރ ބެޑްމިންޓަން ކޯޓެއް ބޭނުންވާކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ރަށުގެ ހެރިޓޭޖް ޑިވެލްޕްމެންޓް ޕްލޭން ވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
 
                 
                             
                                         
                 
                 
                                             
                                            