Ads by Stelco

ޚަބަރު

އިސްދޫ-ކަލައިދޫގައި 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

އިސްދޫ-ކަލައިދޫގައި 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

ރައީސް، އިސްދޫ-ކަލައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 އޮކްޓޯބަރު 2025، 02:14

22 އޮކްޓޯބަރު 2025، 02:14

އިސްދޫ-ކަލައިދޫގައި 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ޤާއިމުކުރެއްވުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލްކަމަށްވާ، އިސްދޫ ކަލައިދޫއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްދޫ-ކަލައިދޫ ބޮޑުމަގުގައި ޖަހާފައިވާ ޓެންޓްގައި މިއަދު ބޭއްވެވި ޖަލްސާގައި ރައީސް ވިދާޅުވީ، މި ހޮސްޕިޓަލު އަޅުއްވާނީ ދެރަށުގެ ރައްޔިތުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ސަރަޙައްދެއްގައި ކަމަށެވެ. އެގޮތުން، 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށާނެކަމަށާއި، މި ހޮސްޕިޓަލުގެ މަސައްކަތް ނިމުމުގެ ކުރިންވެސް، ދެ ރަށުގެ ޞިއްޙީ ޚިދުމަތް ރަނގަޅުކޮށްދެއްވުމަށް، މިހާރު ހުރި ޞިއްޙީ މަރުކަޒަށް މުވައްޒަފުންނާއި އިތުރު ޑޮކްޓަރުން އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްދޫ-ކަލައިދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނޭ، ނަރުދަމާގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ފުރިހަމަ ނަރުދަމާ ނިޒާމެއް ޤާއިމްކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިސްދޫ-ކަލައިދޫ ބޮޑުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު، މަގުހެދުމާއި ނަރުދަމާގެ މަސައްކަތް އެކުއެކީގައި ކުރެވޭނެ ގޮތަށް ސަރުކާރުން މަސައްކަތް ރާވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަށުގެ ތަރައްޤީއަށް ކުރިއަށް ހުރި އެހެން މަޝްރޫޢުތަކަށް އަލިއަޅުއްވާލާ ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ސްކޫލްގެ ޖާގަ އިތުރުކޮށްދެއްވައި، ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކޮށްދެއްވައި، ކަރަންޓުގެ ޙާލަތު ރަނގަޅު ކުރެއްވުމަށް އިތުރު ޖަނަރޭޓަރެއް ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. ހަމަ އެއާއެކު، އިސްދޫ-ކަލައިދޫ އަކީ ރާއްޖޭގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ރަށެއް ކަމަށާއި، ސަރުކާރުގެ ޤައުމިއްޔަތު ދިރުވާ އަލާކުރުމުގެ ސިޔާސަތުގެ ދަށުން އިސްދޫ-ކަލައިދޫގައި އެފަދަ ތަންތަން ދައްކުވައިދޭ ޚާއްޞަ ތަނެއް، ކުރިއަށް ގެންދަވަން ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މި ދަތުރުފުޅުގެ ތެރެއިން އިސްދޫ-ކަލައިދޫގައި މިއަދު ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފަށްޓަވާފައެވެ. މިއާއެކު. ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމްގެ ޚިދުމަތް ދޭން ފެށިފައެވެ. ހަމަ މިއާއެކު މިއަދުގެ ޖަލްސާގައި، ކަލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކުރައްވާފައިވާއިރު، މި މަސައްކަތް ހަވަލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ލިމިޓެޑް، އެމްޓީސީސީ އާ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ކަލައިދޫ-ދަނބިދޫ ކޯޒްވޭ ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ވެސް ރަސްމީކޮށް ފައްޓަވާފައެވެ. މި މަޝްރޫޢު ވެސް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ލިމިޓެޑް، އެމްޓީސީސީއާ އެވެ. މި މަޝްރޫޢަކީ، ދާއިރާގެ ތަރައްޤީއަށް މުހިއްމު މަޝްރޫޢެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އެއް ކިލޯމީޓަރުގެ އެ ކޯޒްވޭގެ މަޝްރޫޢު ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދުކަން ފާހަގަކުރައްވައި، އެ ވަޢުދު ފުއްދަވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން