ކުޅިވަރު

ފީފާގެ ރައީސްގެ ޓީމުގައި ހިމެނިގެން ގަލޮޅު ދަނޑުގައި މަތަރާޒީވެސް ކުޅޭނެ

ފީފާގެ ރައީސްގެ ޓީމުގައި ހިމެނިގެން ގަލޮޅު ދަނޑުގައި މަތަރާޒީވެސް ކުޅޭނެ

2006ގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު މަތަރާޒީ އުފާފާޅުކުރަނީ---

farudhun logo

ފަރުދުން

24 އޮކްޓޯބަރު 2025، 12:10

24 އޮކްޓޯބަރު 2025، 12:10

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ކުޅެން ހަމަޖެހިފައިވާ ފުޓުބޯޅަ މެޗުގައި، އިޓަލީ އެންމެ ފަހުން ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނު މާރކޯ މަތަރާޒީ ހިމެނޭކަން ހާމަވެއްޖެއެވެ.

ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަކީ އިންފެންޓީނޯގެ ޓީމަކާއި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޓީމެއް ބައްދަލުކުރަން ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗެކެވެ. މި ހަރަކާތް ކުރިޔަށް ދާނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ.

ފީފާގެ ޓީމުގައި އެ އިދާރާގެ ރައީސްގެ އިތުރުން ހިމެނެނީ، ފީފާގެ ސެކްރެޓަރީ ޖެނެރަލް، މަޓިއަސް ގްރާފްސްޓްރަމް، ފީފާ ޕްރެޒިޑެންޓްސް އޮފީހުގެ ހެޑް، ފެޑެރީކޯ ރަވިލިއޯނީ، ފީފާ އެކްޒެކިއުޓާ އޮފީސް މެނޭޖަރު، ޖިއާނީ މަންކާ، ފީފާ ކޮމިއުނިކޭޝަން އެޑްވައިޒަރު އޮނޯފްރޭ ކޮސްޓާ، ފީފާ ރީޖަނަލް އޮފީހުގެ ޕްރިންސް ރުފަސްއެވެ.

ޒިދާންގެ މަޝްހޫރު "ހެޑް-ބަޓް"އަކީ 2006ގެ ވޯލްޑް ކަޕްގައި މަތަރާޒީ އޭނާ ރުޅިއެރުވުމުން ހިނގި ހާދިސާއެއްކަމަށް ޒިދާން ބުނޭ---

މި ޓީމު އެކުލަވާލާފައި ވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަރާތުން ކުޅޭ ކުޅުންތެރިންވެސް ހިމަނައިގެނެވެ. އެގޮތުން ފީފާ ޓީމުގައި ރާއްޖެއިން ހިމެނެނީ، އެފްއޭއެމްގެ ރައީސް އަދި ކުރީގެ ޤައުމީ ޓީމުގެ ފޯވާޑް، އަޙުމަދު ޠާރިގު (ޓޮމް)، އެފްއޭއެމް ހިންގާ ކޮމިޓީގެ މެމްބަރުން އަދި ގައުމީ ޓީމުގެ ކުރީގެ ދެ ތަރިންކަމަށްވާ އިމްރާން މުޙައްމަދު، މުޙައްމަދު އުމެއިރު، އެފްއޭއެމްގެ ހިންގާ ކޮމިޓީ މެމްބަރު، އަލީ އިބްރާހިމް (ކައްޕި)، ހުސެއިން ޝާފިއު (ކޮކީ) އަދި، ޤައުމީ ޓީމުގެ ކުރީގެ ކޯޗު، އަލީ ސުޒޭންއެވެ.

މީގެ އިތުރުން ޤައުމީ ޓީމަށް ކުރިން ކުޅުނު މުހުތާރު ނަސީރު (ޓޫކިލޯ) އަދި ޤައުމީ ޓީމުގެ ކުރީގެ ފޯވާރޑް، އަލީ ޝިހާމް (ހުރާ އައްޔަ) ވެސް ހިމެނެއެވެ.

އިންފެންޓީނޯގެ މި ދަތުރުފުޅަކީ 19 އަހަރަށް ފަހު ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން