ޚަބަރު
ފީފާގެ ރައީސް އިންފަންޓީނޯގެ އިޙްތިރާމްގެ ޒިޔާރާތް: ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވާނެ ކަމުގެ ޔަޤީންކަން
ފީފާގެ ރައީސް އިންފަންޓީނޯ ރައީީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރާތުގެ ތެރެއިން: ފޮޓޯ- ރައީސް އޮފީސް
ފަރުދުން
24 އޮކްޓޯބަރު 2025، 06:50
24 އޮކްޓޯބަރު 2025، 06:50
ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި މި ކުޅިވަރާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދެމުން ގެންދާނެކަމުގެ ޔަޤީންކަން ފީފާގެ ރައީސް އިންފަންޓީނޯ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ދެއްވައިފިއެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިކަމުގެ ޔަޤީންކަން ދެއްވީ، މިއަދު ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރާތުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ފުޓްބޯޅައަކީ ރާއްޖޭގައި އެންމެ މަޤްބޫލު ކުޅިވަރު ކަމަށާއި، މި ކުޅިވަރަކީ ރައްޔިތުން އެއްބައިވަންތަކުރުވާ ބާރެއްކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިއަހަރާއި އަންނަ އަހަރު ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ރާއްޖެގެ ފުޓްބޯޅަ ކުރިއެރުވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް އެއްބާރުލުންދޭނެކަމުގެ ޔަޤީންކަން ދެބޭފުޅުންވެސްވަނީ ދެއްވާފައެވެ.
FIFA President, His Excellency Gianni Infantino, pays a courtesy call on His Excellency President Dr @MMuizzu. Their discussions focused on the development of football in the Maldives and potential areas of collaboration. Both parties reaffirmed their commitment to strengthening… pic.twitter.com/3OGsT6WWMI
— The President's Office (@presidencymv) October 24, 2025
މި ބައްދަލުކުރެއްވުމުގައި އިންފަންޓީނޯ ވަނީ އެފްއޭއެމްގެ އައު ލީޑަރޝިޕްގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، ފީފާގެ އެހީތެރިކަން ކުރިއަށް އޮތްތަނުގައި ވެސް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ޒުވާން ހުނަރުވެރިން ތަމްރީނުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިފަދަ މަސައްކަތްތަކުން ރާއްޖެއަށް ދުނިޔޭގެ ސަމާލުކަން ލިބޭނެކަމަށް ވިދާޅުވިއެވެ. އެއީ ހަމައެކަނި ރާއްޖޭގެ ޤުދުރަތީ ރީތިކަމަށް ނޫންކަމަށާއި، ފުޓްބޯޅައިން ވެސް ކާމިޔާބީތައް ހޯދައިގެން ކަމަށް ވިދާޅުވިއެވެ.
މިއީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މިއީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް އިންފަންޓީނޯ ކުރެއްވި ދަތުރުފުޅެކެވެ. ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން ރައީސްއާ ބައްދަލުކުރެއްވިއިރު، މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ ޚާއްސަ ފުޓްބޯޅަ ފެސްޓިވަލްގައިވެސް ދެ ބޭފުޅުން ވަނީ ބައިވެރިވެޑައިގެންފައެވެ.