Ads by Stelco

ޚަބަރު

ރައީސް ކުރެންދޫ ކައުންސިލާ އަންހެނުންގެ ކޮމިޓީ އާއި މުއައްސަސާތަކާއި ބައްދަލުކުރައްވައިފި

ރައީސް ކުރެންދޫ ކައުންސިލާ އަންހެނުންގެ ކޮމިޓީ އާއި މުއައްސަސާތަކާއި ބައްދަލުކުރައްވައިފި

ރައީސް ކުރެންދޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަދި މުއައްސަސާތަކާއި ބައްދަލުކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޮކްޓޯބަރު 2025، 02:01

27 އޮކްޓޯބަރު 2025، 02:01

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު ކުރެންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ. ކޮމިޓީ) އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ޅ. އަތޮޅު މަދުރަސާގައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ރައީސާ ހިއްސާކުރައްވާފައެވެ.

ކައުންސިލް މެންބަރުން އެންމެ ބޮޑަށް އިސްކަންދެއްވައި ފާހަގަކުރެއްވި ކަމަކީ، ރަށުގެ ބަނދަރު ހަދާއިރު، ރައްޔިތުން އެދޭގޮތަށް އެ މަޝްރޫޢު ނިންމަވައިދެއްވުމެވެ. އެގޮތުން އެ މަޝްރޫޢުގައި އެއްގަމު ތޮށި ހިމަނައިދެއްވުމަށާއި، ކުނި އުފުލުމަށް ބޭނުންކުރާނެ ރޭމްޕެއް ހަދައިދިނުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގެ ބިން ފުރިފައިވާތީ ބިން އިތުރުކޮށްދެއްވުމަށާއި، މިހާރު ހަދަމުންދާ 50 ހައުސިންގ ޔުނިޓްގެ އިތުރަށް އިތުރު ހައުސިންގ ޔުނިޓް ރަށަށް ބޭނުންވާކަން މެންބަރުން ފާހަގަކުރެއްވިއެވެ.

ޞިއްޙީ ޚިދުމަތުގެ ދާއިރާއިން، މަރުކަޒުގެ މުވައްޒަފުންގެ ދަތިކަން ހައްލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ހެޔޮއެދޭ ފަރާތަކުން ހަދިޔާކޮށްފައިވާ ފިޒިއޯތެރަޕީ މެޝިންތައް ބޭނުންކޮށްގެން، އަލަށް އިތުރުކުރެވޭ އިމާރާތާއެކު ފިޒިއޯތެރަޕީގެ ޚިދުމަތް ފެށޭނެ މަގު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ޔުޓިލިޓީގެ ޚިދުމަތްތަކަށް ބަލާއިރު، ނަރުދަމާގެ ޚިދުމަތަށް އެދިފައިވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި، 50 ހައުސިންގ ޔުނިޓަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ޖަނަރޭޓަރެއް ހޯއްދަވައިދެއްވުމާއެކު، ރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ކުޅިވަރުގެ ދާއިރާއިން، ރަށުގައި ބޭނުންކުރާ އެންމެ ބޮޑު ފުޓްބޯޅަ ދަނޑުގެ ޓަރފް ބަދަލުކޮށްދެއްވުމަށާއި ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއް ބައްލަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން