ޚަބަރު
މި ދައުރުގައި ޖުމްލަ 800 ހައުސިން ޔުނިޓު ނައިފަރުގައި ޤާއިމްކުރަނީ
ރައީސުލްޖުމްހޫރިއްޔާ ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން---
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ދައުރުގައި، ނައިފަރުގައި ޖުމްލަ 800 ހައުސިން ޔުނިޓުގެ މަޝްރޫޢުތައް ހިންގަވާނެކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ މިފަދައިން ވިދާޅުވީ، ފާދިއްޕޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ނައިފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ނައިފަރުގައި 400 ހައުސިން ޔުނިޓު އަޅައިދޭނެކަމަށް ވަޢުދުވެފައި ވާނޭކަމަށާއި، އެގޮތުން މިރޭ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެ ހަވާލުކުރެވިގެން ދިޔައީ އޭގެ ތެރެއިން 300 ހައުސިން ޔުނިޓުގެ މަސައްކަތް ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިތުރު 100 ހައުސިން ޔުނިޓުގެ މަސައްކަތް ބަޔަކާ ހަވާލުކުރައްވައި، ރިޔާސީ އިންތިހާބަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި އެއަށްފަހު ވިދާޅުވީ، 2027ވަނަ އަހަރު އިތުރު 400 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މި ދައުރުގެ ތެރޭގައި އެ ހައުސިން ޔުނިޓުތަކުގެ ދެބައިކުޅަ އެއްބައިގެ މަސައްކަތް ނިންމާލެވޭނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
މިއަންނަ އަހަރު ދޫކޮށް ދެން އަންނަ އަހަރު، 2027ގެ ތެރޭގައި އިތުރު 400 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް މި ރަށުގައި ފަށާނަން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވެވި ޖަލްސާގައި، ހައުސިން ޔުނިޓުތަކުގެ އިތުރުން އެ ރަށުގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކުގެ މަސައްކަތްތައް ވެސް ވަނީ އެކި ކުންފުނިތަކާ ހަވާލުކުރައްވާފައެވެ.
އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އިމާރާތް ކުރުމާއި، ސްލިޕްވޭއެއް ޤާއިމްކުރުމާއި އަދި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މީގެ އިތުރުން، އެ ރަށުގެ ބަނދަރު ތަރައްޤީކޮށް، ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢު ވެސް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އެ މަނިކުފާނު ވިދާޅުވީ، މި ބަނދަރު ނިމިގެންދާއިރު ރާއްޖޭގެ އުތުރުން އެންމެ ބޮޑު ބަނދަރެއް އޮތް ރަށަކަށް ނައިފަރު ވެގެންދާނެކަމަށެވެ.