ޚަބަރު
އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއްދީފައި ވާނީ ޞިއްޙީ ދާއިރާއަށް: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ، ޅ. ނައިފަރު ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއްދީފައި ވާނީ ޞިއްޙީ ދާއިރާއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ މިފަދައިން ވިދާޅުވީ، ފާދިއްޕޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ނައިފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންނަކީ ރައްކާތެރި ޞިއްޙަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމަށާއި، 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދެއްވާފައި އޮންނާނީ ޞިއްޙީ ދާއިރާއަށް ކަމުގައެވެ.
މީގެ އިތުރުން، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ބަލާނަމަވެސް ދުޅަހެޔޮ ޞިއްޙަތެއް ލިބިގެންވާ ރައްޔިތުންތަކެއް ޤައުމުގައި ތިބުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. އެގޮތުން ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ހޭލުންތެރި ކުރުވުމަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް 2026 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނުއްވާފައިވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތްތަކަކީ އެކަން ހާސިލްކުރުމަށް ފައްޓަވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ތަފާތު އެކި ބަލިތަކުގައި، އިންތިހާ ދަތި ޙާލުގައި، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭޖެހުމަށް ލުޔެއް ހޯއްދަވައިދެއްވުމަށްވެސް ބަޖެޓުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރޭގެ ޖަލްސާގައި ނައިފަރުގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ވެސް ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އިމާރާތް ކުރުމާއި، 300 ހައުސިން ޔުނިޓު ޤާއިމް ކުރުމާއި، ސްލިޕްވޭއެއް ޤާއިމްކުރުމާއި، މިހާރުގެ ބަނދަރު އަޕްގްރޭޑު ކުރުމާއި، އާ ބަނދަރެއް ތަރައްޤީ ކުރުމާއި، އެ ރަށުގައި ވެމްކޯ ޚިދުމަތް ފެށުމާއި އަދި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމެވެ.
އަދި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު އެ މަސައްކަތަކީ ރަށުގެ ހުރިހާ މަގުތަކެއް ތަރައްޤީ ކުރުމަށް ހިންގޭ މަޝްރޫއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނައިފަރުގެ މަގު ހެދުމުގެ މަޝްރޫޢު ނިމޭއިރު، ރަށުގެ ހުރިހާ މަގެއް ހަދައި ނިމޭނެ. މިއީ އެއް ފޭސްއަށް ކުރިޔަށްގެންދަން ނިންމާފައިވާ މަޝްރޫޢެއް.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ކުރިޔަށް އޮތް ދުވަސްތަކުގައި އެ ރަށު ފުޓުބޯޅަ ދަނޑު ފީފާ ސްޓެންޑަރޑަށް އަޕްގްރޭޑު ކުރުމާއި، އިސްލާމް ސެންޓަރެއް ޤައިމް ކުރުމާއި، އިސްލާމިކް ޔުނިވަރސިޓީގެ ބްރާންޗެއް ޤާއިމްކުރުމާއި، ސްކޫލްގެ 10 ކްލާސް ރޫމާއި ލެބުތައް ހިމެނޭ އިމާރާތެއް އެޅުމާއި، ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށުމާއި، ހޮސްޕިޓަލް ތަރައްޤީކޮށް 50 އެނދުގެ ހޮސްޕިޓަލްއަކަށް ބަދަލުކުރުމާއި އަދި ހޮސްޕިޓަލުގައި ސީޓީ ސްކޭން އާއި އެމްއާރުއައި ސްކޭންގެ ޚިދުމަތް ފެށުން ހިމެނެއެވެ.