ޚަބަރު
ކާށިދޫގެ ތަރައްޤީގައި ޙަޤީޤީ ކުލަޖައްސައިދީ، ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދޭނަން: ރައީސުލްޖުމްހޫރިއްޔާ
 
                    ރައީސް ކާށިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ކާށިދޫގެ ތަރައްޤީގައި ޙަޤީޤީ ކުލަޖައްސައިދީ، ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ،
ރައީސް މި ޔަޤީންކަން ދެއްވީ، މާލެ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ކ. ކާށިދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވަނީ، ކާށިދޫގެ ތަރައްޤީއާ ގުޅުންހުރި އުންމީދީ ޚަބަރުތަކެއް ދެއްވާފައެވެ. އެގޮތުން، ޖިއޮގްރަފީ ގޮތުން ކާށިދޫ އޮތް ސަރަޙައްދަކީ އިސްތިރާޖީ ގޮތުން މުހިންމު ސަރަޙައްދަކަށްވީ ނަމަވެސް، ރައްޔިތުން ދިރިއުޅެން ޖެހިފައިވަނީ ވަރަށް ދުރުގައި، އެކަހެރިކޮށްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ލުއިފަސޭހަ ގޮތެއްގައި ޞިއްޙީ ފަރުވާގެ ކަންކަން ފުރިހަމަވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެރަށުގައި ހެލްތު ސެންޓަރުގެ އައު ޢިމާރާތް ފަރުމާކުރެވޭނީ އެކްސް-ރޭ އަދި ސްކޭނިންގްގެ ޚިދުމަތްދެވޭ ގޮތަށް، ވޯޑަށް އެނދު އިތުރުކުރެވި، ކްލިނިކަލް މަސައްކަތަށް ޖާގަ ހިމެނޭގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަންނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާ ބަޖެޓުގައި، އަލަށް ފަށާ މަޝްރޫޢެއްގެ ގޮތުގައި، އަދި ކާށިދޫއަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާނީ އެރަށުގެ ބަނދަރުގެ މަޝްރޫޢުކަމަށާއި، އަންނަ އަހަރު ކާށިދޫގެ ބަނދަރު ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. ހަމަ އެއާއެކު، ކާށިދޫ ފަޅުގައި ރިސޯޓް ތަރައްޤީކުރުމަށް ލުއިތަކާއެކު 2 ވަނަ ފަހަރަށް ހުޅުވާލެއްވި ފުރުޞަތުގެ ތެރެއިން އިންވެސްޓަރުން ލިބި، ފަތުރުވެރިކަން ތަރައްޤީވެގެން ދިއުމަކީ އެކި ގޮތްގޮތުން ރަށަށް ކުރިއެރުން ލިބޭނެކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވުމަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ޚިދުމަތް ކާށިދޫއަށް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، ފަތުރުވެރިކަން ފުޅާވެގެން ދިއުމާއެކު، ވައިގެމަގުން ކުރެވޭ ސީޕްލޭން ދަތުރުތައް ވެސް ކާށިދޫއަށް ޝެޑިއުލްކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ވަނީ ކާށިދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ކާށިދޫގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ގިނަގުނަ މަޝްރޫޢުތަކެއް ފަށްޓަވާފައިވާއިރު، މިކަމުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
 
                 
                             
                                         
                 
                 
                                             
                                            