ޚަބަރު
ރައީސް މުޢިއްޒު ދިއްފުށީ ކައުންސިލާ އަންހެނުންގެ ކޮމިޓީ އަދި މުއައްސަސާތަކާއި ބައްދަލުކުރައްވައިފި
ރައީސް މުޢިއްޒު ދިއްފުށީ ކައުންސިލާ އަނެހެނުންގެ ކޮމިޓީ އަދި މުއައްސަސާތަކާއި ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މާލެއަތޮޅު ދިއްފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ. ކޮމިޓީ) އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް އެންމެ މުހިންމު ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ދިއްފުށީ ޕްރީސްކޫލްގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ މައިގަނޑު ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ރަށުގައި މަތީ ސާނަވީއަށް ކިޔަވައިދިނުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. ޞިއްޙީ މަރުކަޒުގައި އެކްސް-ރޭ އާއި ސްކޭން ޚިދުމަތްތައް ޤާއިމުކޮށް، ކޮންފަރެންސް ހޯލެއް ހަދައި، މަރުކަޒަކީ ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރަށުގެ ސިނާޢީ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށްދެއްވުމަށާއި، ރަށުގައި އިތުރު މިސްކިތެއްގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ. ކައުންސިލް މެންބަރުން ވަނީ ރަށުގެ މަގުތައް ލޯކަލް ޓޫރިޒަމާ ރައްޓެހިގޮތަކަށް ތަރައްޤީކުރުމުގެ މުހިންމުކަމާއި، ރަށުގައި ފުލުހުންގެ އައު މަރުކަޒެއް ބިނާކުރުމުގެ ވާހަކަވެސް ފާހަގަކުރައްވާފައެވެ. ޒުވާނުންނަށް ޚާއްޞަކޮށް ޔޫތު ސެންޓަރަކާއި، ހޭންޑްބޯލް އަދި ވޮލީ ކޯޓެއް ޤާއިމުކޮށްދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށް ސަމާލުކަންދެއްވައި، އެކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި، ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.