ރިޕޯޓް
ފާދިއްޕޮޅާއި މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވެވި ދަތުރުފުޅާއެކު، ވަކިވަކިން ހުރިހާ ރަށެއްގެ ނިދާ ރައީސް އައްސަވައިފި
ރައީސުލްޖުމްހޫރިއްޔާ، ކ. ތުލުސްދޫއަށް ވަޑައިގަތުން - 28 އޮކްޓޫބަރު 2025 / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މި ހަފްތާގެ ހޯމަ ދުވަހު ފާދިއްޕޮޅާއި މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވިއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ނިދާ، ވަކިވަކިން އެ މަނިކުފާނު އައްސަވައިފިއެވެ. މި ދަތުރުފުޅުތަކުގެ ތެރެއިން، ރަށްރަށުގެ ތަރައްޤީއާ ގުޅިގެން އެ ރަށްރަށުގެ ކައުންސިލް އިމާރާތުގެ މީޓިން ރޫމްގެ އިތުރުން، ހޮޅުއަށިތަކާއި، ފިނިއަށިތަކާއި، ޖޯލިފަތިތަކުގައި ދެއްކެވި ވާހަކަފުޅުތައް ވެސް، އެ މަނިކުފާނުގެ އަރިހަށް ގެންނެވުމުގެ ފުރުސަތު، ހުރިހާ ރަށެއްގެ ކަންވޮށިގެންވާ ފަރާތްތަކަށް އެ މަނިކުފާނު ދެއްވައިފިއެވެ. އެހެންކަމުން، ވަކިވަކި ރަށްރަށުގެ ރައްޔިތުން، އެ ރަށްރަށުގެ މަލަމަތި ތަސައްވުރުކުރާ 187 ކުރެހުން، އެ މަނިކުފާނުގެ އަތްޕުޅަށް އަރައިފިއޭ ބުނުމަކީ، މަޢުޟޫއީ ހަމަތަކުން ބަލާނަމަ ދޮގަކަށް ނުވާނެކަން ޔަޤީނެވެ.
އާދެ! ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން، ރައްޔިތުންގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއާ ގުޅުންހުރި ގިނަ ވާހަކަތަކެއް ދައްކަވައި، އެ ކަންކަމާ ގުޅިގެން ރައްޔިތުން ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަޖެއްސެވުމަށް ސަރުކާރުން ނިންމާފައިވާ ގޮތާއި، އެ ކަންކަން ރައްޔިތުން ސިފަކުރަންވީ ގޮތްތައް އަންނަނީ އޮޅުންފިލުވާދެއްވަމުންނެވެ. އަދި ރައްޔިތުންގެ އާންމު ދިރިއުޅުމާއި ސީދާ ގޮތުން ގުޅިލާމެހިފައިވާ ގިނަ މަޝްރޫޢުތަކެއް މި ދަތުރުފުޅުތަކުގައި ފައްޓަވަމުން ގެންދަވާއިރު، ނިމިފައިވާ މަޝްރޫޢުތަކުން ޚިދުމަތް ލިބިގަތުމަށް އަންނަނީ ރައްޔިތުންނާ ހަވާލުކުރައްވަމުންނެވެ.
މި ދަތުރުފުޅުތަކުގެ އެންމެ ބޮޑު މަޤުސަދެއްކަމަށް އެ މަނިކުފާނު ވިދާޅުވަނީ، މިއީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމުގައެވެ.
އެގޮތުން އެ މަނިކުފާނު އެންމެ ފަހުން ކުރެއްވެވި ދަތުރުފުޅުގައި މިވަނީ، އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވި ރައީސްގެ ޝަރަފު ހޯއްދަވާފައެވެ. އޭގެ މާނައަކީ، އަތޮޅުތެރޭގެ ތަރައްޤީގެ މެދުވެރިއެއްގެ ދަޢުރު އަދާކުރަމުންދާ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ތެރޭގައި، އެ މަނިކުފާނު ހުރަސްނުކުރައްވާ އެންމެ އޮޅިއެއްވެސް ނުހުންނަވާނެ ކަމެވެ. އެ އިދާރާތަކަކީ އެ ރަށެއްގެ ޙާލަތު އެންމެ ރަނގަޅަށް ދިރާސާކުރަމުން އަންނަ އިދާރާތަކެވެ. މި އިދާރާތަކަށް ވަދެ، ރަށުގެ ކަންވޮށިގެންވާ އެންމެހާ ފަރާތްތަކާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މިވަނީ ރައްޖޭގެ ހުރިހާ ރަށެއްގެ ޙާލަތު ދެނެގަނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރެއްވުމުގެ ވަރުގަދަ އަޒުމްފުޅުގައި. މިއަދު ކ.ތުލުސްދޫއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ވެރިކަމުގެ ފުރަތަމަ ދައުރުގައި… pic.twitter.com/cI9hqhfFPk
— Hussain Mohamed Latheef (@HucenSembe) October 28, 2025
ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއް ކަމުން، އެކި ރަށްރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަމާއި އަދި ގޮތްތައް ވެސް ތަފާތެެވެ. ދިވެހީންގެ ވިސްނުން ތަރައްޤީވެފައިވާ މިންވަރުގެ މިސާލަކަށް ބަލާލާއިރު، ގޯތިތެރޭގައި ހުންނަ ކޮންމެ ގަހަކީ ހަމައެކަނި ހިޔާ ހޯދައިގެން ފަރުޖައްސާލުމަށް ހުރި ގަހަކަށް ހެދުމުގެ ބަދަލުގައި، އެ ގަހަކީ މޭވާ ނުވަތަ ތަރުކާރީ ލިބޭނެ ގަހަކަށް ހެދުމަކީ، އިޤުތިޞާދީ ބާރުވެރިކަން ހޯދުމަށް އޮތް މަގެއްކަން ނޭންގޭ މީހަކު ދިވެހީންގެ ތެރޭގައި މިހާރު ނުއުޅޭނެކަން ޔަޤީނެވެ.
އެގޮތުން އަތޮޅު ތެރޭގައި ހިންގޭނެ އިޤުތިޞާދީ ހަރަކާތްތައް މަދުއިރު، ރައްޔިތުން ބޭނުންވަނީ ތަރައްޤީ ގެނައުމުގައި ރަށްރަށުގެ ޚާއްޞަ ސިފަތަކަށް ސަރުކާރުން ސަމާލުކަން ދިނުމަށެވެ. އެހެންކަމުން، ރަށަކަށް ތަރައްޤީ ގެނައުމުގައި، އެ ރަށަކާއި މާލެއާ ދެމެދު އޮންނަ ދުރުމިނާއި، އެ ރަށަކަށް ގުދުރަތީ ގޮތުން ލިބިފައިވާ ނިޢުމަތްތަކަކީ، ތަރައްޤީ ގެނައުމުގައި ކޮންމެހެން ފަރުވާތެރިވާނެޖެހޭ މުހިންމު ކަންކަމެވެ. ރައްޔިތުންގެ ކައިރިއަށް ގޮސް ރައްޔިތުންގެ ވާހަކަތައް އަޑު އެހުން މުހިންމު ވަނީ އެ ސަބަބުތަކަށްޓަކައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ ކުރު މުއްދަތެއްގައި ޒިޔާރަތްކުރެއްވި ރައީސްގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހޯއްދެވީ، ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށާއި، މާލެއަތޮޅުގެ ތިން ރަށަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެއަތޮޅު ތުލުސްދޫއަށް އަންގާރަ ދުވަހު ވަޑައިގަތުމާއެކުގައެވެ. މި ޒިޔާރަތާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށް، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސްދުވަހުގެ ތެރޭގައި މިވަނީ ވަޑައިގެންފައެވެ. މި މުއްދަތުގައި އެ މަނިކުފާނު ވަނީ 63 ރަށަކަށް ދެވަނަ ފަހަރަށްވެސް ޒިޔާރަތްކުރައްވާފައެވެ.
މީގެ ކުރިން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސަކު ޒިޔާރަތްކުރެއްވުމުގެ ޝަރަފު ހޯއްދެވީ މީގެ 42 އަހަރު ކުރިންނެވެ. އެއީ އޭރު ދިވެހިރާއްޖޭގެ ރައީސްއަކަށް ހުންނެވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްއެވެ. އެ މަނިކުފާނު މިކަން ހާސިލްކުރެއްވީ ފަސް އަހަރު ދުވަހުގެ ތެރޭގައެވެ.
ނަމަވެސް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެންމެ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަކީ، އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފުއްދެވުމަށް މަސައްކަތްކުރައްވާ މިންވަރު ހާމަވެގެންދާ ކަމެކެވެ. ފިކުރީ ނަޒަރަކުން ބަލާނަމަ، މީހަކު ކުރަން ނޭދޭ ނުވަތަ ކުރެވެން ނެތް ކަމެއްގެ ވާހަކަ ގިނަ ގިނައިން ދެއްކުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އަދި ރައީސްގެ ރިޔާސީ ވަޢުދުފުޅުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އެކި މަރުހަލާތައް ހިނގަމުންދާ މަންޒަރު ލޮލުން ފެނުމަކީ، އެ ކަންކަން ޤަބޫލުކުރުމަށް އޮތް ޙުއްޖަތެއްކަން ޔަޤީނެވެ.
އަސާސީ ޚިދުމަތްތަކުގެ އިތުރުން، އިންސާނުންގެ ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ގެންނަންޖެހޭ ތަރައްޤީގެ ކަންކަން ވެސް އެ ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުރިހަމަވަމުންނެވެ. އެގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބިއެމްއެލް)ގެ އޭޓީއެމްތައް މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްވެގެން ގޮސްފައިވާއިރު، މިފަދަ ޑިޖިޓަލް ޒަމާނެއްގައި ބިއެމްއެލްގެ ޑިޖިޓަލް ވޮލެޓެއް ތަޢާރަފުކުރުމަކީ، ދިވެހީންގެ ތެރޭގައި ތިބި ހުނަރުވެރީންގެ މަސައްކަތްތަކުން ރަނގަޅު އާމްދަނީއެއް ހޯދުމަށް ކޮށިގެންދިޔަ ދޮރެކެވެ. ދިވެހިރާއްޖެއަކީ އާބާދީ ކުޑަ ޤައުމަކަށްވީއިރު، ދިވެހީން ކުރާ މަސައްކަތުން ރަނގަޅު މަންފާއެއް ހޯދޭނީ ދުނިޔޭގެ އެކި ހިސާބުތަކަށް ދިވެހީންގެ ވިޔަފާރިތައް ފުޅާކޮށްގެން ކަމުން، މިފަދަ ފިންޓެކް އާލާތްތަކާއެކު، ވިޔަފާރިތައް އެހެން ހަރުފަތަކަށް ގެންދިއުމަށް ފަސޭހަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ އެހެން ސިލްސިލާ ދަތުރުފުޅުތަކެކޭ އެއްގޮތަށް، ފާދިއްޕޮޅާއި މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވެވި ޒިޔާރަތުގައި، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އެކި މަރުހަލާތައް ކުރިޔަށް ގެންދެވިއެވެ.
އޮޅުވެލިފުއްޓަށް ވަޑައިގެންނެވުން
ޅ. އޮޅުވެލިފުއްޓަށް ކުރެއްވެވި ޒިޔާރަތުގައި އެ ރަށުގައި ނިމިފައިވާ ނަރުދަމާ ނިޒާމު ބޭނުންކުރެވޭނެ ގޮތް ހެދުމާއި، ނަރުދަމާ ނިޒާމުގެ ޕަންޕް ސްޓޭޝަނަށް ބޭނުންވާ ކަރަންޓު ނެޓްވޯރކް ރަނގަޅުކުރުމާއި، ކަރަންޓުގެ މައްސަލަ ހައްލުކުރުމާއި، ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމާ ގުޅިގެން މަޝްވަރާ ކުރެވުނެވެ.
މީގެ އިތުރުން، ރަށުގެ ހެލްތު ސެންޓަރުން ކޮންމެހެން ބޭނުންވާ ޓެސްޓްތައް ހެދޭނެ ގޮތް ހައްދަވައިދެއްވުމަށާއި، ރަށަށް ޚާއްޞަކޮށްގެން ސީއެމްބިއުލާންސެއްގެ ޚިދުމަތް ބޭނުންވާކަމަށާއި، އަދި ރަށުގެ މަގު ހެދުމާއި، ފުޓްސަލް ދަނޑެއް ހަދައިދިނުމާއި، ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ރަށަށް ކުރެއްވެވި ޒިޔާރަތުގައި، އެ ރަށުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ބަނދަރު ތަރައްޤީ ކުރުމާއި، އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ އިތުރުން ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، އޮޑިއެހެލާ ސަރަޙައްދު ތަރައްޤީކުރުމާއި، ފުޓްސަލް ދަނޑު ޤާއިމްކުރުމުގެ މަސައްކަތް ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ.
ކުރެންދޫއަށް ވަޑައިގެންނެވުން
ޅ. ކުރެންދޫއިން ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާ ކުރެއްވެވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ރަށުގެ ބަނދަރު ހަދާއިރު އެ މަޝްރޫޢުގައި އެއްގަމު ތޮށި ހިމަނައިދެއްވުމަށާއި، ބަނދަރުގައި ކުނިއުފުލުމަށް ބޭނުންކުރާނެ ރޭމްޕެއް ހަދައިދިނުމާއި، ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ދަތިކަން ޙައްލުކޮށްދެއްވުމާއި، ހެޔޮއެދޭފަރާތަކުން ހަދިޔާކޮށްފައިވާ ފިޒިއޯތެރަޕީއަށް ބޭނުންވާ މެޝިންތައް ބޭނުންކުރުމަށް، އަލަށް އިތުރުކުރެވޭ އިމާރާތާއި އެކު ފިޒިއޯތެރަޕީގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމާއި، ރަށުގެ ބިން ފުރިފައިވާތީ ބިން އިތުރުކޮށްދެއްވުމާއި، މިހާރު ހަދަމުންދާ 50 ހައުސިންގ ޔުނިޓްގެ އިތުރަށް ވެސް އިތުރު ހައުސިން މަޝްރޫޢުތައް އެ ރަށުގައި ކުރިޔަށް ގެންދެވުމެވެ.
މީގެ އިތުރުން ރަށުގެ ނަރުދަމާގެ ޚިދުމަތަށް އެދިފައިވާ ފަރާތްތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމާއި، މިހާރު ހަދަމުންދާ 50 ހައުސިންގް ޔުނިޓަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ޖަނަރޭޓަރެއް ހޯއްދަވައިދެއްވުމާއެކު ރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށްދެއްވުމަށާއި، ރަށުގައި ބޭނުންކުރާ އެންމެ ބޮޑު ފުޓްބޯޅަ ދަނޑުގެ ޓަރފް ބަދަލުކޮށްދެއްވުމާމަށާއި، ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިފައި ވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކުރެންދޫގައި ވަނީ އެ ރަށުގެ ބަނދަރާއި، ފުލުހުންގެ މަރުކަޒާއި އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފައްޓަވާ ދެއްވާފައެވެ.
މީގެ އިތުރުން މަސައްކަތް ނިމިފައިވާ ޅ.އަތޮޅު މަދަރުސާގެ މަލްޓި-ޕަރޕަސް ހޯލް ވަނީ ރައިސުލްޖުމްހޫރިއްޔާ ހުޅުވާދެއްވާފައެވެ.
އަދި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، ކުރެންދޫ ޞީއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި ކުރެންދޫ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ރޯޑު ޑިވެލޮޕްމެންޓް ކޮޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފައެވެ.
ހިންނަވަރަށް ވަޑައިގެންނެވުން
އެ އަތޮޅު ހިންނަވަރު ކައުންސިލުން އެދިވަޑައިގެންނެވީ، އެ ރަށުގައި އިމާރާތްކުރަން ފަށާފައިވާ ހޮސްޕިޓަލުގެ މަސައްކަތާއި، ރަށުގައި އަޅަމުންދާ ހައުސިންގް މަޝްރޫޢު އާއި ރަށުގެ މަގުހެދުމުގެ މަޝްރޫޢުގައި މިހާރު ނުނިމިހުރި މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމަވައިދެއްވުމަށާއި، ރަށުގެ ހިއްކި ސަރަޙައްދުން ގޯތި ދިނުމާއި، އެކިއެކި ވިޔަފާރިތަކަށް ބިން ދޫކުރުމަށް ނިންމާފައިވާތީ، އެ ސަރަޙައްދަށް ވީހާވެސް އަވަހަށް ފެނާއި، ކަރަންޓް އަދި ނަރުދަމާ ގުޅައިދިނުމަށެވެ. އަދި ހިންނަވަރުގައި ޤާއިމްކޮށްފައިވާ ޕޯޓަކީ އިޤުތިޞާދީގޮތުން ފައިދާތަކެއް ލިބޭނެ ތަނެއްކަން ފާހަގަކުރައްވައި، ހިންނަވަރު ޕޯޓް އޮޕަރޭޝަން ފައްޓަވައިދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، އ.ތ.މ. ކޮމިޓީގެ ފަރާތުން ވަނީ، ރަށުގައި ހިންގާ ޕްރީސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށް އިމާރާތެއް އަޅުއްވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ރަށުގެ ކޮންމެވެސް ސަރަޙައްދެއްގައި ސްވިމިންގ ޓްރެކެއް ހައްދަވައިދެއްވުމަށް ރަށު ރައްޔިތުން އެދޭތީ ކައުންސިލުން ވަނީ އެކަމަށްވެސް އެދިވަޑައިގެންފައެވެ.
ހިންނަވަރަށް ރައީސުލްޖުމްހުރިއްޔާ ކުރެއްވި ޒިޔާރަތުގައި ވަނީ ހަތަރު މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން ބީއެމްއެލް ބްރާންޗަކާއި، ފުލުހުންގެ މަރުކަޒާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އަދި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ހިމެނެއެވެ.
އަދި އެ މަނިކުފާނު ވަނީ އެ ރަށުގައި އިމާރާތްކޮށްފައިވާ ފެނަކަ އޮފީސް ހުޅުވައިދެއްވާފައެވެ.
މީގެ އިތުރުން، އެ ރަށުގައި ޤައުމީ ޔުނިވާރސިޓީގެ ކެމްޕަހެއް ޤާއިމް ކުރުމާއި، ހިއްކި ސަރަޙައްދުގައި ފެނާ ނަރުދަމާ ޤާއިމް ކުރުމާއި އަދި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 8 ކްލާސްރޫމް އާއި އެޑްމިން ބްލޮކް އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ.
ނައިފަރަށް ވަޑައިގެންނެވުން
އެ އަތޮޅުގެ ވެރިކަންކުރާ ނައިފަރުން އެދުނު އެންމެ ބޮޑު އެއް ކަމަކީ، ރަށަކީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެއް ކަމުގައިވާތީ، ނައިފަރުގެ އިޙްތިޞާސްގައި ޅ އަތޮޅު މަޑިވަރު ހިމަނުއްވައިދެއްވައި، ނައިފަރާއި އެރަށް ގުޅާލަދިނުމަށެވެ.
އަދި ޅ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ވަނީ މުވައްޒަފުންގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމާއި، މިހާރު ހޮސްޕިޓަލް ހުރި ލެވެލް މަތިކޮށްދެއްވުމަށާއި، އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން ރަށުގައި ސްޓޭޓް ހައުސް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި، ހަމައެކަނި ސްޓޭޓް ހައުސް އެއް އެޅުމުގެ ބަދަލުގައި، ރަށުގެ އެހެނިހެން ކަންކަމަށް ބޭނުންކުރެވޭނެ އޮޑިޓޯރިއަމް، މީޓިން ރޫމް އަދި ހޯލް ހިމެނޭ އިމާރާތެއް ގޮތަށް އެތަން އިމާރާތް ކުރުމަށާއި، ރަށުގައި އާބާދީ އިތުރުވަމުން ދިއުމާއިއެކު އިތުރު ޕްރައިމަރީ ސްކޫލެއް އިމާރާތްކޮށްދެއްވުމަށް ސްކޫލްގެ ފަރާތުން އެދުނެވެ.
ނައިފަރަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގެ ތެރެއިން، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތާއި، 30 ޓަނުގެ އައިސް ޕްލާންޓަކާއި، ފުލުހުންގެ މަރުކަޒާއި އަދި ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވާ ދެއްވާފައެވެ.
އަދި އެ ރަށުގައި ގިނަ ޚިދުމަތްތަކެއް ތަރައްޤީ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް އެކި ކުންފުނިތަކާ ވެސް ހަވާލުކުރެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އިމާރާތްކުރުމާއި، 300 ހައުސިން ޔުނިޓު ޤާއިމް ކުރުމާއި، ސްލިޕްވޭއެއް ޤާއިމްކުރުމާއި، މިހާރުގެ ބަނދަރު އަޕްގްރޭޑު ކުރުމާއި، އާ ބަނދަރެއް ތަރައްޤީ ކުރުމާއި، ވެމްކޯ ޚިދުމަތް ފެށުމާއި އަދި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމެވެ.
ކާށިދޫއަށް ވަޑައިގެންނެވުން
ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ހަތަރު ރަށަށްފަހު، ދެން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ މާލެއަތޮޅު ކާށިދޫއަށެވެ. އެ ރަށު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށާއި، ޞިއްހީ މަރުކަޒުން އެކްސްރޭ އަދި ސްކޭންގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި ފެށި މަސައްކަތްތަކުގެ ތެރޭގައި، ރިހެބިލިޓޭޝަން ސެންޓަރާއި، ފުލުހުންގެ މަރުކަޒާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އަދި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހިމެނެއެވެ.
އަދި އެ ރަށުގެ މަގުހެދުމުގެ މަޝްރޫޢު އާއި ފުޑް ސެކިއުރިޓީ ޕްރޮގްރާމެއް ހިންގުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ.
ދިއްފުއްޓަށް ވަޑައިގެންނެވުން
ދިއްފުށީ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ރަށުގައި މަތީ ސާނަވީއަށް ކިޔަވަދިނުމުގެ އިންތިޒާމާއި، ޞިއްޙީ މަރުކަޒުގައި އެކްސް-ރޭ އާއި ސްކޭން ޚިދުމަތްތަކާ އަދި ކޮންފަރެންސް ހޯލެއް ގާއިމުކޮށްދެއްވައި ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމެވެ. އަދި ރަށުގެ ސިނާޢީ ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށްދެއްވުމަށާއި، ރަށުގައި އިތުރު މިސްކިތެއްގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށާއި، ލޯކަލް ޓޫރިޒަމާ ރައްޓެހިގޮތަކަށް މަގުތައް ތަރައްޤީކޮށްދެއްވުމަށާއި، ރަށުގެ ޒުވާނުންނަށް ޚާއްޞަކޮށް ހޭންޑްބޯލް އަދި ވޮލީ ކޯޓެއްގެ އިތުރުން، ރަށުގައި ޔޫތު ސެންޓަރެއް ގާއިމުކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިއްފުށީގެ އައު އިންޖީނުގެ ހުޅުވައިދެއްވާފައެވެ.
އަދި ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ބިންހިއްކުމާއި، އަދި ސްކޫލުގައި 4 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލާއި ސައިންސްލެބާއި ސެން ކްލާސްރޫސް ހިމެނޭ އިމާރާތެއްގެ ޢަމަލީ މަސައްކަތް ވެސް ފަށާފައި ވެއެވެ.
ތުލުސްދޫއަށް ވަޑައިގެންނެވުން
މި ދަތުރުފުޅުގެ އެންމެ ފަހު ރަށެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ތުލުސްދޫއަށެވެ.
އެ ރަށުގެ ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންނެވީ، ރަށުގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމަށާއި، ރަށުގައި ޒަމާނީ ފެންވަރުގެ ކުނިކޮއްޓެއް ގާއިމުކޮށްދެއްވުމަށާއި، ރަށުގެ ހުޅަނގުފަރާތު ބަނދަރު ތަރައްޤީކޮށްދެއްވުމަށާއި، ރަށުގައި ބީއެމްއެލްގެ ބްރާންޗެއް ގާއިމުކޮށްދެއްވުމަށާއި، ފުޓްބޯޅަ ދަނޑުގައި ޓަރފް އަޅައިދެއްވުމަށާއި، މަތީ ސާނަވީ ތަޢުލީމަށް ރަށުން ކިޔަވައިދެވޭނެ އިންތިޒާމު ވީހާވެސް އަވަހަށް ހަމަޖައްސަވައިދެއްވުމަށެވެ.
ރައީސްގެ މިދަތުރުފުޅުގައި އެ ރަށުގެ ހޮސްޕިޓަލުގެ އައު އިމާރާތާއި، އެ ރަށުގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފުލުހުންގެ މަރުކަޒާއި އަދި އިންޖީނުގޭގެ އައު އިމާރާތުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.
އަދި ތުލުސްދޫގައި ޤާއިމްކޮށްފައިވާ ފެން ޕްލާންޓުގެ ޚިދުމަތާއި، ސްޓެލްކޯއިން ޤާއިމްކޮށްފައިވާ 'ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ' ވެސް މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުވާދެއްވާފައެވެ.
އަދި އެ ރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމާއި، ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ވަނީ ހަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅާއި މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލެއްވީ އަންގާރަ ދުވަހުއެވެ. މި ދަތުރުފުޅަކީ ތާރީޙީ ދަތުރުފުޅެކެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅުތަކުން ކުރަހަމުން މިދަނީ، މުޅިންއާ ދިވެހިރާއްޖެއެއްގެ ތަސްވީރެކެވެ. އެއީ ރައްޔިތުންގެ ތަޞައްވުރާ އެއްގޮތަށް ކުރަހަމުންދާ ތަސްވީރެކެވެ.