ޚަބަރު
މ. ބޮޑުގެ ސަރަޙައްދުގައި ބިނާ ކުރާ ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ ރައީސް ޑރ. މުޢިއްޒު އަޅުއްވައިދެއްވައިފި
ބޮޑުގެ މިސްކިތުގެ ބިންގާ އެޅުއްވުން. ފޮޓޯ: ޕީއެސްއެމް
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގެ މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި އަލަށް ބިނާކުރުމަށް ހަމަޖެހިފައިވާ ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ މިއަދު ރަސްމީކޮށް އަޅުއްވައިދެއްވައިފިއެވެ.
މި މަޝްރޫޢަކީ އެއްފަހަރާ 1250 މީހުންނަށް ނަމާދުކުރެވޭނެ ގޮތަށް ގިނަ ވަސީލަތްތަކާއެކު ތަރައްޤީ ކުރެވޭނެ ތަނެކެވެ.
މިކަމަށްޓަކައި މިއަދު އެ ސަރަޙައްދުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ދަޢުލަތުގެ އިސްވެރިންނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ. މާލެ ސިޓީގައި ބާވެފައި ހުރި މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ.
ތިން ބުރިއަށް ބިނާކުރެވޭ މި ޒަމާނީ މިސްކިތުގެ ގްރައުންޑް ފްލޯގައި މައި ނަމާދު ކުރާ ބައި، ވުޟޫ ކުރާ ސަރަޙައްދު އަދި ފާޚަނާ ބަރި ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މެޒެނީން ބުރީގައި އަންހެނުން ނަމާދު ކުރާ ބައި ޤާއިމްކުރެވޭނެއިރު، އެއްވަނަ ބުރީގައި ނަމާދު ކުރާ ބައިގެ އިތުރުން އިޢުތިކާފް ސަރަޙައްދު ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މިސްކިތުގެ ދެވަނަ ބުރިވަނީ ޢިލްމީ އަދި އިދާރީ ކަންކަމަށް ޚާއްސަކުރެވިފައެވެ. އެގޮތުން، 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި އެޑްމިން އޮފީސް މި ބުރީގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސްކިތުގެ ޓެރަސްއަކީވެސް ނަމާދު ކުރެވޭ ގޮތަށް ޤާއިމްކުރެވޭނެ ބައެކެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެވޭނެ އިންތިޒާމްތަކާއި، އެފަދަ ފަރާތްތަކަށް ޚާއްސަ ފާޚާނާ އަދި ވުޟޫ ކުރާ ސަރަޙައްދު މި މިސްކިތުގައި ޤާއިމްކުރެވޭނެއެވެ. މިސްކިތުގެ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހައަށް ލިފްޓުވެސް ހަރުކުރެވޭނެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މިއީ އަމިއްލަ ފަރާތްތަކަކުން ޚަރަދުކުރާ މަޝްރޫޢުއެކެވެ. މި މަސައްކަތް ނިންމުމަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.
މާލޭގައި މިފަދަ ބޮޑެތި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން، ރައްދެބައިމަގާއި މަޖީދީމަގު ކަންމަތީގައި ހުރި ދުވަސްވީ ބަރުބަރީ މިސްކިތުގެ މަސައްކަތް ވެސް މިދިޔަ އަހަރުގައިވަނީ ފެށިފައެވެ. ތިން ބުރިއަށް ބިނާކުރެވޭ އެ މިސްކިތް މިއަހަރުގެ ޑިސެމްބަރު މަހުގައި ހުޅުވުމަށް ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާއިރު، މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތުގެ މަސައްކަތް އަންނަ ޖަނަވަރީ މަހުގައި ފެށޭނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.