ޚަބަރު
ސަރުކާރުގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަކީ އިޤްތިޞާދު ކުރިއެރުމަށް މަގުފަހިވާނެކަމެއް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ހިންގާ އިމާރާތްކުރުމުގެ ދާއިރާގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ އިޢުލާނުކުރައްވާފަ އެވެ.
އެމަނިކުފާނު މިކަން އިޢުލާނުކުރައްވާފައި ވަނީ، ހައްދުންމަތީގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ގިނަ ޢަދަދެއްގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރައްވަން ނިންމަވާފައިވާ ކަމަށާއި، އެކަން ކުރިއަށް ގެންދާނީ އެކުލަވާލާފައިވާ ޤާނޫނާއި ޤަވާއިދުގެ ތެރެއިންކަމަށެވެ. އެގޮތުން، އިމާރާތްކުރުމުގެ ދާއިރާގެ އެތައް މަޝްރޫޢެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް ނިންމާފައިވާއިރު، އެކަމުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ފައިސާ ލިބޭނެގޮތް ހަމަޖެހިގެން ދާނެކަމަށާއި، ޢާންމު ރައްޔިތުންނާއި ޢާއިލާތަކަށް ތަނަވަސްކަން ލިބި އިޤްތިޞާދު ކުރިއަރާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، އިމާރާތްކުރުމުގެ ދާއިރާއަކީ ރާއްޖޭގެ 2 ވަނަ ނުވަތަ 3 ވަނަ ސިނާޢަތް ކަމަށްވާއިރު، ސަރުކާރުން މަސައްކަތްކުރާނީ އެ ސިނާޢަތު ވީހާވެސް މައްޗަށް ގެންދިއުމަށެވެ. ހަމަ އެހެންމެ، ނިމިގެންދިޔަ ސަރުކާރުތަކުގެ ސިޔާސަތުތައް އޮތްގޮތުން އިމާރާތްކުރުމުގެ ދާއިރާ އާއި މުޅި އިޤްތިޞާދު ވަނީ ފުން އަނދަވަޅަކަށް ވައްޓާލާފައިކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
އެކި ކުދިކުދި މެދުފަންތީގެ ކުންފުނިތަކާއި، އަދި ބޮޑެތި ބައެއް ކުންފުނިތަކަށް، ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ސަރުކާރުގެ މިހިރަ އެކި މަޝްރޫޢުތައް، އަޅުގަނޑު ވަޢުދުވެފައި ހުރި އެތައް ވަޢުދެއް ފުއްދުމަށްޓަކައި، އޭގެ ތެރޭގައި ސްކޫލްތަކާއި، ހެލްތު ސެންޓަރުތަކާއި، ކުޅިވަރާ ގުޅޭ އިމާރާތް ކުރުމާއި، މިސްކިތްތަކާއި، މިހެންގޮސް އެތައް ތަނެއް އެޅުމުގެ މަސައްކަތް އެބަ ހަވާލުކުރަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަދުގެ ސަރުކާރުން ހަމައެކަނި މަސައްކަތް ކުރުވަނީކީ އެސް.އޯ.އީ.ތަކާ ހަވާލުކޮށްގެން ނޫންކަމަށާއި، މަޝްރޫޢޫތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، ޢަމަލީ މަސައްކަތް ފެށުމާއި، މަޝްރޫޢުތައް ނިންމުމާއި ހަމައަށް ވެސް ދަނީ ކަންކަން ރާވާ ތަރުތީބުކުރެވިގެން، އެކަމަށްޓަކައި ޚާއްޞަ ޕްލޭން އެއް ވެސް އެކުލަވާލައިގެން ކަމަށެވެ. އެގޮތުން، ކޮންމެ މަޝްރޫޢެއް ވެސް ކުންފުނިތަކާ ހަވާލުކުރެވެނީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ވިސްނުމަށްފަހު، ޤާނޫނާއި ޤަވާއިދުގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުން އެދިލައްވާގޮތަށް ވަކި ޕްލޭންއެއްގެ ދަށުން ކަންކަން ކުރެވުމުން، ފައިސާ ޗާޕުކުރުމަކާ ނުލައި، ސަރުކާރުން ރައްޔިތުންގެ މުއްސަނދިކަން ރައްޔިތުންނަށް ހޯދައިދިނުމަށް މަގުފަހިވެގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ، އަމިއްލަ ކުންފުނިތަކާއި، ޢާއިލާތަކާއި، ވަކިވަކި ފަރުދުންނާއި، މުޅި އިޤްތިޞާދު ވެސް މުއްސަނދިކޮށްދިނުމަށް ޚާއްޞަ ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ނިމިދިޔަ ސަރުކާރުން ކުންފުނިތަކަށް ނުދައްކާހުރި އެތައް ހާސް މިލިއަން ރުފިޔާގެ ބިލުތަކަށް މި ސަރުކާރުން ފައިސާދީ ދައްކަމުންދާއިރު، 10 ވަރަކަށް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 2.3 ބިލިއަން ރުފިޔާ ދީ ނިންމާނެކަން ސަރުކާރުން އޭރު ވަނީ ހާމަކުރައްވާފަ އެވެ.